ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭ މީހުންގެ ތެރެއިން ބައެއް މީހުންނަކީ 14 ދުވަސް ފަހުންވެސް އަލާމާތްތައް ފެންނަން ފަށާ މީހުން ކަމަށް ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި، ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑްއާ ގުޅިގެން އާންމުކޮށްފައިވާ ދިރާސާއަކާ ހަވާލާދެއްވާ، އެ ދިރާސާވެސް ޓްވިޓާގައި ހިއްސަކުރައްވަމުން ޑރ ފައިސަލް ވިދާޅުވީ، ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 100 އަކުން އެކަކީ، 14 ދުވަހަށް ވުރެ ފަހުންވެސް އަލާމާތްތައް ފެންނަން މީހުން ކަމަށާ، އެމީހުންގެ ފުށުންވެސް ބަލި ފެތުރިދާނެ ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް ދިރާސާތައް ދަނީ ކުރިއަށެވެ. މި ކަމާބެހޭ ކަށަވަރު މައުލޫމާތުތަކެއް އެއްވެސް ފަރާތަކަށް އަދި ސާބިތުކޮށްދެވިފައެއް ނުވެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގައި މިހާރު އަމަލު ކުރަމުންދާ މިންގަނޑުތަކަށް ބަލާއިރު ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑަކީ، 2-14 ދުވަހާ ދެމެދު މުއްދަތެކެވެ.

އިންކިއުބޭޝަން ޕީރިއަޑްއަކީ މީހެއްގެ ހަށިގަނޑަށް ވައިރަހުގެ އަސަރު ކުރުމަށްފަހު، އެމީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަން ހޭދަވާ މުއްދަތު ކަމުގައިވެސް ބުނެވިދާނެއެވެ. ރާއްޖޭގައިވެސް ކޮވިޑް-19އާ ގުޅިގެން ބަލަމުންދަނީ 14 ދުވަހުގެ އިންކިއުބޭޝަން ޕީރިއަޑްގެ މުއްދަށެވެ. ކަރަންޓީނާ އައިސޮލޭޝަންގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކޮވިޑް-19އަށް ޓެސްޓު ނެގެޓިވް ވުމުން މެނުވީ އެއްވެސް މީހަކު ދޫކޮށެއް ނުލައެވެ.

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ކަންމިހެން އޮތް ނަމަވެސް 14 ދުވަހަށްވުރެ ފަހުންވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށައިގެން ތަފާތު އެކި ރިޕޯޓްތައް ބައިނަލްއަގުވާމީ މަސްރަހުން ލިބިފައި އެބަހުއްޓެވެ. އެގޮތުން 27 ދުވަސް ފަހުން ބަލީގެ އަލާމާތްތައް ފެންނަން ފެށި ކޭހެއް، ޗައިނާގެ ހޫބޭ ޕްރޮވިންސްއިން ވަނީ ފެބުރުވަރީ މަހުގެ 22 ވަނަ ދުވަހު ރިޕޯޓް ކޮށްފައެވެ.

ހަމަ މިފަދައިން، ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހު އާންމުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި ބަލިޖެހޭތާ 0-24 ދުވަހާ ދެމެދު މުއްދަތެއްގައިވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށާފައި އެބަހުއްޓެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ފެބުރުވަރީ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، އިންކިއުބޭޝަން މުއްދަތު މިހާ ދިގުލާ ދިއުމަކީ އިތުރަށް ބަލަންޖެހޭނެ ކަމެއް ކަމަށާ، މިފަދަ ހާލަތެއް މެދުވެރިވަނީ ދެ ފަހަރެއްގެ މަތިން އެމީހަކު ވައިރަހަށް ހުށަހެޅިފައި ހުރުން ކަހަލަ ކަމެއް މެދުވެރިވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މިފަދަ ހާލެއްގައި މަސްރަހު އޮތްއިރު، މިއީ ހިނގާފާނެ ކަމެއްކަން އެންމެނަށްވެސް އެނގިފައި އޮތުން މުހިންމު ކަމަށާ، ބަލީގެ ކުޑަނަމަވެސް އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް 1676 އަށް ގުޅާ، ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަށްވެސް ޑރ ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.