ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ވަކި ވަގުތެއްގައި ކާފިއު ހިންގަން އިއުލާން ކޮށްފައިވާއިރު އެ ގަޑީގައި މަގުމަތީގައި އުޅުނު މީހަކު ފުލުހުން ޖޫރިމަނާ ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކާފިއު ގަޑީގައި މާލޭގެ މަގުތަކުގައި އިއްޔެ އުޅުނު 139 މީހުންނަށް ފުލުހުން ނަސޭހަތްތެރި ވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 122 ދިވެހިންނާއި، 17 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެތެރެއިން ދެވަނަ ފަހަރަށް 7 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ތަކުރާރުކޮށް މަގުމައްޗަށް ނިކުތް އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރު ވެއްޖެނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. ކޮވިޑް19 އިން ރައްކާތެރިވުމަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މީހުން ގެއިން ނުކުތުންވަނީ މަނާކޮށްފައެވެ. މިކަމަށް އަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނެވެ. މާލެ ސިޓީގައި ކާފިއު އިއުލާން ކޮށްފައި ވާއިރު، ވަކި ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި ހަމަ އެގަޑިތަކުގައި އެއްގަމު އުޅަނދު ފަހަރާއި ބަހާއި ފެރީ އަދި ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެޗްޕީއޭގެ އެންގެވުމުގައި ވަނީ އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާވާނެ ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނެވެ.

މީގެއިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި އުރީދޫއާއި ދިރާގާއި ބޭންކުތަކާއި އެސްޓީއޯއާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރާއި ޑިޕްލޮމެޓިކް އުޅަނދު ފަހަރާއި އެމްބިއުލާންސާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރުގެ އިތުރުން އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައިވެއެވެ.

މި އެންގުމުގައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ތަބާވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، މާލެ ސަރަހައްދުގެ އާންމުންގެ ހިނގައިބިނގާވެ އުޅުން ހުއްޓުވާ ފުރަތަމަ ފަހަރެވެ.