ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނި، ޓެސްޓް ކުރާ މީހުންނާ މެދު އާންމުން ތަފާތު ކުރުން ގެންގުޅޭ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެފިއެވެ.
ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން، ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތުގައި، އެ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވޭ މީހުންނާ މެދު އާންމުން ތަފާތު ގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އޭގެ ސަބަބުން، މުޖުތަމައުގެ ތެރެއަށް އަނބުރާ އައުމަށް އެފަދަ މީހުންނަށް ދަތިތައް ކުރިމަތިވާ ކަމަށް ހިމްޔާ ވިދާޅުވިއެވެ.
އެ ވިސްނުން ބަދަލުކޮށް، އެފަދަ މީހުންނާ މެދު ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށާއި ބިދޭސީންނާ މެދު ވެސް ގޯސް ގޮތަކަށް ދެކޭ ގޮތް ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ހިމްޔާ ވިދާޅުވިއެވެ. ކޮވިޑް-19 އަކީ ވަކި ބަޔަކަށް އެކަނި ޖެހޭ ބައްޔެއް ނޫން ކަން ފާހަގަ ކުރައްވައި، އެންމެން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިސްކަން ދިނުމަށްވެސް ހިމްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރެޑް ކްރެސެންޓުން މިހާތަނަށް ނަފްސާނީ އެހީތެރިކަން 900 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ކަރަންޓީންގައި ތިބި މީހުން ވެސް ހިމެނޭ ކަމަށް ހިމްޔާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކަރަންޓީންގައި ތިބި މީހުންނަށް ހާއްސަކޮށް އޮންލައިންކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން ބޭރުން އައުމުން ކަރަންޓީން ފެސިލިޓީ އަަށް ގެންދިޔަ މީހުންނަށް ގުޅުމުގައި ދަތިތަކެއް ދިމާވާތީ އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހިމްޔާ ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ބިދޭސީން ހޭލުންތެރި ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށާއި މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް ވެސް ހިމްޔާ ވިދާޅުވިއެވެ. ލީފްލެޓާއި ޕޯސްޓަރު ފަދަ ވަސީލަތްތައް މެދުވެރިކޮށް 40،000 އެއްހާ މީހުންނަށް މައުލޫމާތު ފޯރުކޮށް ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހިމްޔާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 400 އެއްހާ ވޮލަންޓިއަރުން ހަރަކާތްތެރިވަމުން ދާއިރު، އެ މީހުން މިހާތަނަށް ވަނީ 9،000 ގަޑިއިރުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތައް ބަލާއިރު، މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން ދެމީހަކީ އިޓަލީގެ ދެ ފަތުރުވެރިންނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުން ދަނީ ޓެސްޓް ކުރަމުންނެވެ.