ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

މީގެ 10 ދުވަސް ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އިއުލާންކުރެއްވި ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ، އޭނާގެ ހަށިކޮޅުން އަދިވެސް ބަލީގެ އަލާމާތްތައް ފެންނަމުން ދިއުމުގެ ސަބަބުން ޓެސްޓުތަކެއް ހެއްދެވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރޭގެ ވަގުތެއްގައި ޖޯންސަން ގެންދެވިފައިވަނީ ލަންޑަންގެ ހޮސްޕިޓަލަކަށެވެ. ގެންދެވުނުއިރުވެސް ހަށިކޮޅުގައި ހުން ހުރި ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓްކުރެއެވެ. އަދި ހޮސްޕިޓަލަށް ގެންދެވިފައިވަނީ ޖޯންސަންގެ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އަދިވެސް ހުންނެވި ޖޯންސަން ކަމަށް މައުލޫމާތު ލިބެއެވެ. ކަންމިހެން އޮތް ނަމަވެސް، ކޮވިޑް-19އާ ގުޅިގެން ކުރިއަށް ގެންދިއުމަށް މިއަދަށް ތާވަލުކޮށްފައިވާ މަތީ ފަންތީގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ އިނގިރޭސި ފޮރިން ސެކްރެޓަރީ ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ އާލާސްކަންފުޅުގައި ޖޯންސަން އުޅުއްވާކަން ފާހަގަކުރައްވާ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިނގިރޭސިވިލާތަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ. އިނގިރޭސިވިލާތު ސަރުކާރުގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުންތަކެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވެފައެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރެއްވުމަށްފަހު ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު 47806 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 4934 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ.