އެންމެފަހު ފަތުރުވެރިޔާ ފުރައިގެން ދިޔުމުން 9 ސަފާރީއަކާއި 15 ރިސޯޓުން މީހުން ފޭބުމުގެ ހުއްދަ ދީފި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، 9 ސަފާރީއަކާއި 15 ރިސޯޓަކުން ވަނީ އެތަންތަނުގެ މުވައްޒަފުންނަށް ފޭބުމުގެ ހުއްދަ ދީފައި ކަމަށެވެ. ކޮންމެ ރިސޯޓެއްގައި ވެސް މިވަގުތު ތިބި މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެ ރިސޯޓުގައި ހުންނަ އެންމެ ފަހުގެ ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުންނެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރިސޯޓުތަކުން އަރައި ފޭބުން ވަނީ ކޮންޓްރޯލްކޮށްފައެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މުއްދަތެއް ނެތް ގޮތަށް ރަށްތަކަށް މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ.
އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު، ފަތުރުވެރިން އައުން ހުއްޓި ރިސޯޓުތައް ހުއްޓުމަަކަށްވަނީ ގޮސްފައެވެ. އެހެންކަމުން ރިސޯޓުތަކުގައި މިހާރު ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަހުގެ ތެރޭގައި ރިސޯޓުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެއެވެ. މުވައްޒަފުން ރިސޯޓުން ފޭބުމަށް 14 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ސާދަ ދުވަހުގެ މުއްދަތަކީ ކޮވިޑް19 އާ ގުޅިގެން މީހުން ކަރަންޓީނު ކޮށްފައި ބައިތިއްވާ މުއްދަތެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން ދެމީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.