ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިއަދު ޖުމްލަ 187 ސާމްޕަލް ނަގާފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދާރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިއަދު 187 ސާމަޕަލްއެއް ނަގާފައިވާ ކަމަށާއި، އަދި އިތުރު 43 ސާމްޕަލްއެއް ނެގުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.
މިހާތަނަށް ޖުމްލަ 1573 ސާމްޕަލް ނާގާފައިވާ ކަމަށް މިއަދު މަބްރޫކް ވިދާޅުވިއެވެ. އޭގެތެރެއިން 1489 ސާމްޕަލް އަކީ ނެޓިވްވެފައި ސާމްޕަލެވެ. އަދި މިއަދުގެ ހަވީރު 4:00 އާ ހަމައަށް ލެބޯޓްރީއަށް ފޮނުވާފައިވާ ސާމްޕަލްގެ ތެރެއިން ނަތީޖާ ނުލިބޭ 65 ސާމްޕަލް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އާ ގުޅިގެން އައިސޮލޭޝަން ފެސީޓީތަކުގައި ޖުމްލަ 12 މީހުން ތިބި ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގައި 809 މީހުން ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ވޭތުވެދިޔަ ދެ ދުވަސްތެރޭ ކަރަންޓީން ފެސިލިޓީތަކުގައި ތިބި 73 މީހަކު ދޫކޮށްލެވިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވްވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.