ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހިނދުން ހިނދަށް އިތުރުވަމުންދާ ވަރަކަށް، އެކަމާ ބެހޭ ގޮތުން ކުޑަ ދަރިފުޅަށް ފޯރާ ރަނގަޅު މައުލޫމާތާ ނުރަނގަޅު މައުލޫމާތުގެ އަދަދުވެސް އިތުރުވަމުންދާކަން ހަނދާން ކުރުން މުހިންމެވެ. ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައި މިވާ ނާމާން ގޮންޖެހުމުގެ ވާހަކަ، ޒިންމާދާރު ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެ ދަރިފުޅަށް ފޯރުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

"ކޮއްކޮވެސް ބަލިވާނެތަ؟"

"ކޮއްކޮގެ މާމައާއި ކާފަވެސް މަރުވާނެތަ؟"

މިއީ މިފަހަކަށް އައިސް ބައެއް މައިންބަފައިންނަށް ކުރިމަތިލާންޖެހިފައިވާ، ޖަވާބުދޭން ދަތި ސުވާލުތަކުގެ ތެރެއިން ދެ ސުވާލެކެވެ.

ހޭލުންތެރިކުރުވުމުގެ ނަމުގައި ނަމަވެސް ހިންގާ އެކި މަޝްރޫއުތަކާއެކު ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ކޮވިޑް-19ގެ ވާހަކައެވެ. ކުޑަކުދިންނަކީ އެކުދިންގެ ތޮބިއްޔަތުގައިވެސް ސީދާ ސުވާލު ކުރާ ބައެކެވެ. ގިނަ ފަހަރަށް މި ސުވާލުތަކަށް ދޭނެ ޖަވާބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެންމެ ދޫފަރިތަ މައިންބަފައިންވެސް ބަސް ހުއްޓުވާލައެވެ.

ކޮވިޑް-19ގެ ސަބަބުން ކުޑަކުދިންނަށް މާ ބޮޑު ނުރައްކަލެއް ނެތް ކަމަށް ބުނެ ފަރުޖައްސާލެވޭކަށްވެސް މިހާރަކު ނެތެވެ. އާންމު ދިރިއުޅުމުގެ އާދަކަދައަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާއިރު، ކޮންމެވެސް ގޮތަކުން ބިރުވެރި ވާހަކައެއް އޮންނަނީ ދަރިފުޅަށް އަޑުއިވިފައެވެ.

މީހުން މަރުވާ ވާހަކައާ، ކާބޯތަކެތި ނުލިބިދާނެ ވާހަކައާއި، ސްކޫލްތައް ބަންދުކުރަން މަޖުބޫރުވާ ވާހަކައަކީ އެކުދިންގެ ކަންފަތްތަކަށްވެސް މިއަދު އިވޭ އަޑުތަކެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، މައުސޫމު ސިކުނޑިތަކަށް ފަހުމުވެސް ވާން ދަތި އެތައް ވާހަކަތަކެއް ޅަ ސިކުނޑިތަކުގައި އެނބުރެމުންދާކަން ގަބޫލުކުރަންޖެހެއެވެ.

މި ޒަމާނަކީ ގިނަ އަދަދެއްގެ ކުދިން، އުމުރާ އެކަށީގެން ނުވާ މައުލޫމާތުތަކަށް ހުށަހެޅިފައިވާ ކުދިން/ފޮޓޯ: ލައިވް ސައެންސް

ކޮންޓްރޯލް ކުރުން

އެންމެ ފުރަތަމަ ކަމަކީ އިތުބާރު ނެތް މަސްދަރުތަކާ ދަރިފުޅު ދުރުކުރުމެވެ. އިންޓަނެޓް ޕްލެޓްފޯމުގައި ހަރަކާތްތެރިވާއިރުވެސް ބެލެނިވެރިއަކު ގާތުގައި ހުރުން މުހިންމެވެ. ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއެކު މި ދުވަސްވަރުތަކީ ހުރިހާ އެންމެންހެން ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއްކަމުން، އަބަދުވެސް ކޮންމެވެސް އެކަކަށް ދަރިފުޅު ގާތުގައި މަޑުކުރެވިދާނެއެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ކޮންސަލްޓަންޓް ޑރ އެންގްރާޑް ރަޑްކިން ބުނާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ދަރިފުޅާ މަޝްވަރާކުރާއިރު މައިންބަފައިން ގެންގުޅޭ ޓޯންއަކީ މުހިންމު އެއްޗެކެވެ.

"ކޮންމެ މީހަކީވެސް ބިރުވެރި ވާހަކަތަކަށް ޝައުގު ހުންނަ މީހެއް. އެކަމަކު އަމިއްލަ ވެށީގައި އެކަމެއް ހިނގާނަމަ އެކަން ބަދަލުވާނެ. އެހެންވީމަ، ދަރިފުޅަށް މައުލޫމާތު ދޭއިރު ކޮވިޑް-19ގެ ބިރުވެރިކަމާ ދަރިފުޅާ ދުރުކަމެއް ހުރިކަން އެދަރިފުޅަށް އިހުސާސްކޮށްދެވިދާނެ. ކޮވިޑް-19 ފެތުރިގެން ދާ ގޮތް ކިޔައިދޭއިރުވެސް، އުފާވެރިކަމެއް އިހުސާށްކޮށްދެނިވި ގޮތަކަށް، މިސާލަކަށް ސައިބޯނިލައިގެން އަތް ދޮވެގެން ބަލިން ދުރުވެވިދާނެ ކަން ކިޔައިދީ، އެކަން ކިޔައިދޭއިރުވެސް ފޮނު އެރުވުން ކަހަލަ މަޖާ ކަންކަން ކުރެވިދާނެ" ޑރ ރަޑްކިން އިރުޝާދު ދިނެވެ.

އަތްދޮންނަން ތިބި ކުދިންތަކެއް. ކޮވިޑް-19އިން ދުރުވާނެ ގޮތްތައް ކުޑަ ދަރިފުޅަށް ކިޔައިދިނުން ބުއްދިވެރި/ފޮޓޯ: ޔުނިސެފް

ޑރ ރަޑްކިން ބުނާ ގޮތުގައި ކޮވިޑް-19ގެ ވާހަކަތައް ދަރިފުޅާ ހިއްސާކުރާއިރު، އެކަމުގައި ދަރިފުޅަށް ކޮންޓްރޯލް ކުރެވިދާނެ ކަންތައްތައްވެސް ބުނެދިނުން ބުއްދިވެރިއެވެ. މިސާލަކަށް ޓިޝޫ ބޭނުންކުރާނެ ގޮތާ، ރައްކާތެރިކަމާއެކު އެ ޓިޝޫ ނައްތާލުން ފަދަ ކަންކަމާ، އަމިއްލަ ނަފުސުގެ ސާފުތާހިރުކަން އިސްކުރުން ފަދަ ކަންކަން ކިޔައިދީގެން ދަރިފުޅު އަތުގައި ކޮންޓްރޯލް އޮތްކަން ބަޔާންކޮށްދިނުމަށް ޑރ ރަޑްކިން އިރުޝާދުދެއެވެ.

ކޮވިޑް-19ގެ ވާހަކަ ދަރިފުޅަށް ކިޔައިދޭއިރު ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ އެއް ކަމަކީ ދެން ވާނެ ގޮތެއް ލަފާކުރަން ނޭނގުމެވެ. މިކަމާ ބެހޭ ގޮތުން މާ ބޮޑު ހޯދުންތަކެއް ސައިންސްވެރިންނަށްވެސް ހޯދިފައި ނެތްކަމެވެ. ނަމަވެސް ބޮޑެތި މީހުންނާ ކުޑަކުދިންނާ ތަފާތު ވާ ސަބަބެއް އެބައޮތެވެ. ޑރ ރަޑްކިން ބުނާ ގޮތުގައި ބެލެނިވެރިންނަކީ ހަނގުރާމަތަކާ، ޓެރަރިސްޓް ހަމަލާތަކާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވާހަކައަށް މީގެ އެތައް އަހަރެއް ކުރިން ލޯހުޅުވި، ނުރައްކާތަކަށް ކޮންމެވެސް ވަރަކަށް ލޯހުޅުވި، އެފަދަ ޚަބަރުތަކަށް ހޭނިފައިވާ ބައެކެވެ. އެހެންކަމުން ކުޑަ ދަރިފުޅު ކަންކަމާ ބިރު ގަންނަ މިންވަރެއް، މައިންބަފައިން ދެނެގަނެ، އެކަމަށް ބިނާކޮށް ކަންކަން ކިޔައިދެމުން ދިއުން މުހިންމެވެ.

މަންމަ ނުވަތަ ބައްޕައަށް ހުރިހާ ޖަވާބެއް ނޭނގޭ ކަމަށާ، ނަމަވެސް، އެކަމުގެ ތަޖުރިބާ ހުރި ބަޔަކު ދިރާސާތައް ކުރަމުންދާ ވާހަކަވެސް ކިޔައިދޭށެވެ. މިފަދަ ވާހަކަތައް ކިޔައިދޭއިރު، ވީހާވެސް ގިނަ މައުލޫމާތެއް ބެލެނިވެރިޔާ އަތުގައި ހުރުން މުހިންމުކަމަށް ޑރ ރަޑްކިން ފާހަގަކުރެއެވެ. ނަމަވެސް އެ ހުރިހާ މައުލޫމާތެއް ދަރިފުޅާ ހިއްސާކުރާކަށް ނުޖެހެއެވެ.

ސްޕީޗް ތެރަޕިސްޓެއް ކަމަށްވާ ޖޯން ގިލްމާޓީން ބުނާ ގޮތުގައި، ކޮވިޑް-19 ޖެހުމުން ބަލިކަމެއް އިހުސާސްވާނެކަން ދަރިފުޅަށް ބުނެދެވިދާނެއެވެ. މިވަރަށް މިވާހަކަ ކިޔައިދިނުމުން މާ ބޮޑު ބައްޔެއްގެ ބިރުވެރިކަން އެކުދިންގެ ހިތުން ފިލާފާނެއެވެ.

އާއިލާގެ ދޮށީ އުމުރުގެ މެމްބަރުން މަރުވެ ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދި އެވާހަކަތައް ދައްކާނަމަ އެކަމަށްވެސް ޑރ ރަޑްކިން ޖަވާބެއް ދެއެވެ. ޑރ ރަޑްކިންގެ އިރުޝާދަކީ، ވީހާވެސް ހަގީގަތާ އެއްގޮތަށް މައުލޫމާތު ދިނުމެވެ. އެގޮތުން، ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ދަރިފުޅަށް ކިޔައިދިނުމަށް ޑރ ރަޑްކިން އިރުޝާދުދެއެވެ.

އާއިލާގެ ދޮށީ މެމްބަަރަކާއެކު ހުރި ކުޑަކުއްޖެއް. ކޮވިޑް-19އާ ގުޅިގެން އާއިލާގެ ދޮށީ މެމްބަރުން މަރުވެދާނެ ކަމުގެ ބިރު ގަންނަ ކުދިން ގިނަ/ފޮޓޯ: ވީއޯއެކްސް

ވީހާވެސް އާދައިގެ ބަސްމަގު ބޭނުންކުރުން

އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް މާ ސީރިއަސް ވާހަކައެއްގެ ގޮތުގައި ކޮވިޑް-19ގެ ވާހަކަތައް ކިޔައިދޭކަށް ޑރ ރަޑްކިން ލަފައެއް ނުދެއެވެ. 13 އަހަރުން ދަށުގެ ކުދިންނަށް ޝައުގުވެރި ވާހަކައެއްގެ ގޮތުގައިވެސް ކޮވިޑް-19 ކިޔައިދެވިދާނެއެވެ. އަދި މާމައާއި ކާފަ ފަދަ މީހުން ތިބީ ހެޔޮ ހާލުގައި ދަރިފުޅާއެކުގައި ކަން ވީހާވެސް ބޮޑަކަށް އަންގައިދީ، އެންމެންގެ ސިއްހަތު ސަލާމަތް ކުރަން ކުރެވިދާނެ ކަންކަން ދަރިފުޅަށް ކިޔައިދޭށެވެ.

އުމުރުން 3 އަހަރުގެ ކުއްޖަކާ މުހާތަބު ކުރާ ގޮތާ، ފުރާވަރު އުމުރުގެ ކުއްޖަކާ ވާހަކަދައްކާ ގޮތް ވަރަށް ތަފާތު ވާނެއެވެ. ނަމަވެސް ޑރ ގިލްމާޓިން ވިދާޅުވަނީ ހުރިހާ ކުދިންނާ ވާހަކަދައްކާއިރުވެސް ވީހާވެސް އާދައިގެ ބަސްމަގެއް ގެންގުޅުމަށެވެ.

ކޮވިޑް-19އާ ގުޅިގެން ނުތަނަވަސްވެ ހާސް ކަން އުފެދޭނަމަ ނަފްސާނީ އެހީދޭނެ ހިދުމަތްތައް ރާއްޖޭގައިވެސް ވަނީ ގާއިމުކޮށްފައެވެ.