އިޖްތިމާއީ ގައިދުރުކަމުގެ ވާހަކައަކީ މިހާރު ގިނަ ބަޔަކު އާންމުކޮށް ދައްކާ ވާހަކައެކެވެ. އެގޮތުން ދާދިފަހުން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނީ މި ދިޔަ ބުރާސްފަތި ދުވަހު ބޭންކުތަކަށް ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދަން ގޮސް ގާތްގާތުގައި ތިބުމުންނެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ކާގޯ ފްލައިޓު މެދުވެރިކޮށް ލަންކާގައި ތިބި ދިވެހިންނަށް ޕެކޭޖްތައް ފޮނުވަން ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ހުންނަ މޯލްޑިވިއަންގެ ކައުންޓަރު ކައިރީ ކިއު ދަމާލި މީހުން ތިބި ހާލަތަށް ވެސް އެތައް ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އިޖްތިމާއީ ގައިދުރުކަމުގެ ވާހަކަ ހޫނު ގަދަކޮށް ދެކެވެމުން ދާ މި ދަނޑިވަޅުގައި މި ކަމުގެ ކަންބޮޑުވުން ހުރީ ބޭންކުތަކުގަ އާއި ގައުމީ އެއާލައިންގައި އެކަންޏެއް ނޫނެވެ. ޕަބްލިކް ޓްރާންސްޕޯޓް ދޭ ތަންތަނުގައި ދެމުންދާ ހިދުމަތުގައި ވެސް އިޖްތިމާއީ ގައިދުރުކަން ނުބަހައްޓާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ މީހުންވެސް މަދެއް ނޫނެވެ.
ޕަބްލިކް ޓްރާންސްޕޯޓޭޝަނަކީ އާންމުންގެ ގިނަ ބަޔަކު ބޭނުންކުރާނެ ވަސީލަތްތަކެވެ. ހާއްސަކޮށް މާލެއިން ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުއްޓާ ދެމެދު ފެރީ ދަތުރު ކުރަންޖެހޭ ފަރާތްތަކުގެ ކަންބޮޑުވުން މިކަމުގައި އެބަ އޮތެވެ. ބަސް ދަތުރު ކުރާ ފަރާތްތަކުން ވެސް މިކަމުގެ ޝަކުވާ ދަނީ އުފުލަމުންނެވެ. ނަމަވެސް މިއީ މިވަގުތު އެންމެ ހެޔޮ އަގެއް ދީގެން ދަތުރުފަތުރު ކުރަން އޮތް އެންމެ ފަސޭހަގޮތް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާންމުންގެ މީހަކު ބުނީ، ފެރީތަކުގަ އާއި ޓާމިނަލް ތެރޭގައި މީހުން ތިބެން ހަމަޖައްސާފައިވާ ސަރަހައްދުތަކުގައި ގައިދުރުކަން ގާއިމުކުރަން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. ހާއްސަކޮށް ކާފިއު އިއުލާން ކުރި ފަހުން ފެރީގައި ގިނަ ބަޔަކު ހުޅުމާލެއަށް ދާން ފެރީގެ ހިދުމަތް ބޭނުންކުރާ ކަމަށާއި އެ ފަދަ ވަގުތުތަކުގައި ފެރީ ތޮއްޖެހުމަކީ ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ ފަރާތްތަކަށް އޮތް ބިރެއް ކަމުގައި ދެކޭ ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން އާންމުންގެ ފަރާތަކުން ކުރި ޓްވީޓެއްގައި ވެސް ވަނީ ފެރީތަކުގައާއި ޓާމިނަލް ތެރޭގައި ތިބޭ މީހުން އެކަކު އަނެކަކާ ދުރުގައި ތިބެވޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސައި ދިނުމަށް ގޮވާލާފައެވެ. އަދި ކާފިއު ހިންގާ ވަގުތާ ގާތްކޮށްފައި 3:30 އިން ފެށިގެން 4:30 އާ ދެމެދު ގިނަ ފެރީތަކެއް އިންތިޒާމް ކުރުމަށާއި ގިނަ މީހުން އެއްފަހަރާ ފެރީއަށް ނޭރުވުމަށްވެސް އޭނާ އެދިފައި ވެއެވެ.
ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރާ ފެރީތަކުގެ ހާލަތު ކިޔައިދެމުން ހުޅުލޭގައި މަސައްކަތް ކުރާ ފަރާތަކުން ބުނީ، އެއާޕޯޓަށް ދަތުރުކުރާ ބަހުގައިވެސް މީހުން ގިނައިން ގެންދާ ކަމަށާއި، ބަހުގައި ތިބޭ ޑްރައިވަރާއި ބަސް ކޮންޑަކްޓަރުން ބައެއް ފަހަރު ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ކަމަށެވެ.
ހަމައެއާއެކު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަރާތަކުން ބުނި ގޮތުގައި، ޕަބްލިކް ޓްރާންސްޕޯޓަކީ ހުއްޓާލެވޭނެ ކަމެއް ނޫނެވެ. މި ވަގުތު ހާލަތު އޮތް ގޮތުން ބިރުން ހުރެވިޔަސް ބަހުގައި ނުވަތަ ފެރީގައި ދަތުރުކުރަން ވަނީ މަޖުބޫރުވެފައި ކަމަށެވެ. މުސާރައިގެ އިތުރުން އިތުރު އެލަވަންސްތައް ނުލިބޭ އިރު ކޮންމެ ދުވަހަކު މާލެއަށް އައިސް ގޮސް ހެދުމަށް ޓެކްސީގައި ކޮޅަކަށް 75 ރުފިޔާ ދައްކައިގެން ނުދެވޭނެ ކަމަށެވެ. އެހެން ދާން ވެއްޖެ ނަމަ މުސާރަ ހުސްވެގެން ދާނީ ދަތުރުފަތުރު ކުރުމަށް ކަމަށާއި ބަސް ނުވަތަ ފެރީގައި ދާން މިވަގުތު މަޖުބޫރު ވަނީ އެހެންވެ ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު ބަހުގައި ދަތުރުކުރާ އިރު ފިޒިކަލް ޑިސްޓެންސް ނުބަހައްޓާ ހުރުމަކީ ދަތުރުވެރިންނަށާއި ބަހުގައި މަސައްކަތް ކުރާ މީހުންނަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ބަސް އަދި ފެރީގެ ދަތުރުތައް ހުއްޓާނުލައިވެސް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ބުނެއެވެ. އެ ހިދުމަތް ދޭއިރުވެސް ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލާލުމަކީ ކުންފުނިތަކުން ކުރެވިދާނެ މުހިއްމު ކަމެއް ކަމަށް އޭނާ ބުނެއެވެ.
އެމްޕީއެލްގެ ބަހުގެ ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބީ ވެސް މިފަދަ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ މުވައްޒަފުން ވަނީ ގިނަ ބަޔަކު ތޮއް ޖެހިގެން ބަހުގެ ހިދުމަތް ބޭނުން ކުރަމުން ދާތީ އެކަން ފާހަގަކޮށް ކުންފުންޏަށް ހިއްސާކޮށްފައެވެ. ނަމަވެސް އެމްޕީއެލުން ބުނެފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓޭޝަން ހިދުމަތް މެދުކަނޑާ ނުލެވޭނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ރައްކާތެރިކަމުގެ ގޮތުން މާސްކް އަދި ހޭންޑް ސެނެޓައިޒާގެ އިތުރުން ބަސް ކޮންޑަކްޓް ކުރާ ފަރާތްތަކުން އަންގި ބޭނުންކުރާ ކަމަށެވެ. އަދި ބަހަށް އަރާ ކަސްޓަމަރުންގެ އަތްވެސް ހޭންޑް ސެނެޓައިޒް ކުރާ ކަމަށް އެނާ ބުނެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްޕީއެލުން ދަނީ އެކުންފުނިން ދުއްވާ ބަސްތައް ޑިސްއިންފެކްޓްވެސް ކުރަމުންނެވެ. ހަމައެއާއެކު އެމްޓީސީސީއިން އެކުންފުނިން ފެރީގެ ހިދުމަތްދޭ ފެރީތަކާއި ފެރީ ޓާމިނަލްވެސް ދަނީ އާންމުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ޑިސްއިންފެކްޓު ކުރަމުންނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އިޖްތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް އެކި އިދާރާތަކުން އަންނަނީ މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ހަނދާން ކޮށްދެމުންނެވެ. ކޮންމެހެން ޒަރޫރީ ބޭނުމެއް ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން އާންމުންނަށް ބޭނުންވާ ގިނަ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން އޮންލައިން ހިދުމަތް ދިނުމަށް ހުޅުވާލެވުނީ ވެސް މި ސަބަބު ތަކަކަށެވެ.
އާންމުންނަށް ހިދުމަތްދޭ އެތައް ކުންފުންޏަކުން މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު މިއަދާ ހަަމައަށް އައި އިރުވެސް އެމްޕީއެލް އަދި އެމްޓީސީސީން ދެމުންދާ ބަހާއި ފެރީގެ ހިދުމަތުގައި އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ނުދޭތީ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު އެއް އުޅަނދަކަށް އަރައިގެން ދަތުރުފަތުރު ކުރާއިރު އެ ފަދަ ހިދުމަތްތައް ދިނުމުގައި ގައިދުރުކަން ނުބަހައްޓާނަމަ އެއީ ބިރު އޮތް ކަމެކެވެ.
ސޯޝަލް ޑިސްޓެންސް ނަގާ ކަށް ނުޖެހޭނެ ފަރުދީ ޒިމްމާ ނަގާގެން ގޭގަ އޮތީމަ ކާ. ކޮއްމެ މީހަކަށް ކިހިނެއް ފެރީއެއް ބާވާނީ