އުމުރުން 34 އަހަރު ފުރިފައިވާ މާ ބަނޑު އަންހެނެކެވެ. ބަނޑަށް 39 ހަފުތާ ފުރިއްޖެއެވެ. އެމެރިކާގެ ހޮސްޕިޓަލަކަށް އޭނާ ދިޔައީ ހުންއައިސް، ހީކަރުވާ ގޮތްވެ، ހިކި ކެއްސުމަކުން ކެއްސާތީއާއި ގައިގެ މަސްތަކުގައި ރިއްސާތާ 3 ދުވަސްވެގެންނެވެ. އޭގެ ކުރީ ދުވަހުން ފެށިގެން ދަރިފުޅުގެ ހަރަކާތްތައްވެސް ހިސާބަކަށް މަޑުޖެހިފައިވާކަން އޭނާ ފާހަގަކުރިއެވެ. އެ އަންހެންމީހާއަކީ ވެއިޓްރަސްއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާ، ކައިރި މާޒީއެއްގައި އެއްވެސް ދަތުރުކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ފިރިމީހާގެ ހަށިގަނޑުންވެސް މިޒާތުގެ އަލާމާތްތަކެއް ފެންނަތާ އޭރު 24 ގަޑިއިރެއްހާއިރު ވެއްޖެއެވެ.
ހޮސްޕިޓަލަށް ދިއުމާއެކު ޕޭޝަންޓަށް ދިއްކޮށްލީ އާދައިގެ ސާޖިކަލް މާސްކްއެކެވެ. ނޭވާލުމުގެ ޒަރިއްޔާއިންވިއަސް އޭނާގެ ހަށިގަނޑުން ބޭރުވެގެން ހިނގައިދާނެ ތިކިތަކުން ދެން ތިބި މީހުން ސަލާމާތްވާނެ ހުރިހާ ފިޔަވަޅެއް އެޅިއެވެ. އެއަށްފަހު އޭނާ ގެންދެވުނީ އެމާޖެންސީ ޑިޕާޓްމަންޓްއަށެވެ. އަދި މާބަނޑު މީހަކާ ގުޅިގެން ވަގުތުން ވަގުތަށް ހަދަންޖެހޭ އެއްވެސް ސާޖަރީ ހަދަން ނުޖެހޭ ކަމަށް ނިންމިއެވެ. އޭނާއަށް ފަރުވާދީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ހުރިހާ އެންމެންވެސް ތިބީ ރައްކާތެރި ކަމުގެ ގިއަރުގައި ފުރިހަމައަށް ތައްޔާރުވެގެންނެވެ.
އެމާޖެންސީ ރޫމްގައި ޕޭޝަންޓްގެ ހުން ބެލިއެވެ. ރެކޯޑްކުރެވުނީ 36.6 ޑިގްރީ ސެލްސިއަސްގައެވެ. ހިތު ވިންދު ޖަހަމުންދިޔައީ މިނެޓަކު 125 ބީޓްގެ ރޭޓުގައެވެ. ޕްރެޝަރު ހުރީ 133/75 (އެމްއެމްއެޗްޖީ)ގައެވެ. މިނެޓަކު ގާތްގަނޑަކަށް 18 ފަހަރު ނޭވާލަމުންދާ ކަމަށާ، އޮކްސިޖަން ސެޗުރޭޝަން ރޭޓަކީ 99ޕަސެންޓް ކަމުގައި ރެކޯޑްކުރިއެވެ. ނޭވާލުމުގައި ދެން ދިމާވި މައްސަލަތަކަކާ ގުޅިގެން ދެން ފެންނަން ފެށި ނިޝާންތަކަކީ ކޮވިޑް-19ގެ ޕޭޝަންޓުންގެ ކިބައިން ފެންނަ އަލާމާތްތަކެކެވެ.
އެހާ ހިސާބުން ބަނޑުގައި ދަރިފުޅުގެ ހާލަތު ދެނެގަތުމަށް ނޮންސްޓްރެސް ޓެސްޓް (އެންއެސްޓީ)އެއް ހެދިއެވެ. ދަރިފުޅުގެ ހާލަތު ރަނގަޅެވެ. ދެން ޓެސްޓުކުރީ މަންމައެވެ. ކަރާ ނޭފަތުގެ އެންމެ އެތެރެއިން ސާމްޕަލް ނަގާ، އިންފްލުއެންޒާއާއި ނޭވާލާ ނިޒާމުގެ އެކި އިންފެކްޝަންތަކާ ކޮވިޑް-19އަށް ޓެސްޓު ކުރަން ފެށިއެވެ. 6 ގަޑިއިރު ފަހެވެ. ކޮވިޑް-19 ފިޔަވާ އެހެން ހުރިހާ ޓެސްޓެއް ނެގެޓިވްކަމަށް ރިޕޯޓް ލިބުނެވެ. އެއާއެކު ޕްރައިވެޓް ކޮޓަރިއަކަށް ޕޭޝަންޓް ބަދަލުކުރެވުނެވެ.
ހޮސްޕިޓަލުގައި އޮންނަތާ 2 ވަނަ ދުވަހެވެ. ވިހަން ރިހުން އަރާ ގޮތަށް، ވޭންވަރަކަށް ކުއްލި ކުއްލި އަށް ރިހުން އަރަން ފެށިއެވެ. އަދި ބޭސް ދީގެން ވިއްސުމުގެ މަސައްކަތް ފެށުނެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަށަވަރުވީވެސް ވިހެއުމުގެ ތެރޭގައި އުޅެނިކޮށެވެ. އޭރު ޓެސްޓު ކުރިތާ 21 ގަޑިއިރުވެއްޖެއެވެ.
ޕޭޝަންޓްގެ ދަރިފުޅު މި ދުނިޔެއަށް ފުރަތަމަ ނޭވާލީ އަންހެން މީހާ ހޮސްޕިޓަލުގައި އޮންނަތާ 3 ވަނައަށް ވީ ދުވަހުއެވެ. ވިހެއުމުގެ ތެރޭގައި ޕޭޝަންޓްގެ ހުން 38.5 ޑިގްރީ ސެލްސިއަސްއަށް އެރުމަށްފަހު އަނެއްކާވެސް ތިރިވިއެވެ. ވިހޭއީވެސް އާންމު އުސޫލުން މީހުން ވިހާ ފަދައިންނެވެ. ނަމަވެސް ދެން ކަންތައްވީ އާންމު މީހަކު ވިހެއުމުން ކަން ހިނގާ ގޮތަކުން ނޫނެވެ. އަލަށް އުފަންވާ ދަރިފުޅު ހުސްގަޔާ މަންމަގެ ހަމުގައި ޖައްސާލާފަދައިން އެކަން ކޮށްފައެއް ނުވެއެވެ. ދަރިފުޅު ބާއްވާފައި އޮތީވެސް މަންމައާ މާ ދުރުގައެވެ. ފަހުން، ދެމައިން އޮތީވެސް ދެ ކޮޓަރިއެއްގައެވެ.
ޕޭޝަންޓް ހޮސްޕިޓަލުން ދޫކޮށްލީ 6 ވަނައަށް ވީ ދުވަހުއެވެ. އޭރު ދަރިފުޅުގެ ބައްޕަވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ދަރިފުޅަށް ބޭނުންވާ ކާނާ ފޯރުކޮށްދެމުންދިޔައީ ފޯމިއުލާގެ އިތުރުން މައިމީހާގެ ގާތުން ނެގި ކިރުންނެވެ. މިއީ ގުދުރަތީ އަޖައިބެކެވެ. މައިމީހާގެ ގާތުން ނެގި ކިރުގައި ކޮވިޑް-19ގެ އަސަރެއް ނެތެވެ.
މި ރިޕޯޓަކީ ފަހުގެ ސިއްހީ ހޯދުންތަކާ މައުލޫމާތު ޝާއިއުކުރަމުން އަންނަ ދަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓްގައިވާ ވާހަކަތަކަކީ ކޮވިޑް-19އާ ގުޅިގެން ހޯދޭ އާ ހޯދުންތައް ކަމާބެހޭ ފަރާތްތަކާ ވީ އެންމެ އަވަހަކަށް ހިއްސާކުރުމުގެ މަގުސަދުގައި އާންމުކޮށްފައިވާ މައުލޫމާތު ކަމަށާ، މިއީ އެއްވެސް ހާލެއްގައި ވަކި ކަމަކަށް އިރުޝާދު ދެނިވި ރިޕޯޓެއް ނޫންކަމަށްވެސް ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން އިންވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ، ތަޖުރިބާކާރު ޕީޑިއަޓްރީޝަން ޑރ އަހުމަދު ފައިސަލްވެސް ވަނީ އޭނާގެ ޓްވިޓާ ހެންޑްލް މެދުވެރިކުރައްވާ، ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގެ ދިރާސާ ހިއްސާކުރައްވާފައެވެ.