ހަމަ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ މަހުލޫގެއްގެ ބާރުގައި ގައުމުތަކުގެ އިސްވެރިންނާއި ރަސްރަސްކަލުންނާއި ވަޒީރުންގެ ފެންވަރުގެ އިޒަތްތެރިންނަށްވެސް މިއަދު މަޖުބޫރުވެފައި ވަނީ އެބައަކަށް ހާއްސަ ކިއްލާގައި މަޑުކުރައްވާށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ބިރުވެރިކަމުން ހިންދެމިލާނެ އެންމެ ހިނދުކޮޅެއްވެސް އަދި މި ދުނިޔެއަށް ލިބިފައި ނުވާއިރު، ބަލިން ދުރުވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަންތައް ކަމުގައި ވެފައިވާ ގޭގައި މަޑުކުރުމުގެ ސަގާފަތަށް ކިޔަމަން ވަމުންދާ މީހުންގެ ލިސްޓުގައި މަޝްހޫރު އެތައް ބަޔަކު ހިމެނެއެވެ.
މި ބަލިމަޑުކަމުގައި ގޭގައި ތިބެގެން އެކި މީހުން އެކި މަސައްކަތް ކުރަމުން ދާއިރު، މިއީ މީގެ ކުރިން އެތައް ބަޔަކު ތަޖުރިބާ ނުކުރާ ކިތަންމެ ކަމެއް، އަމިއްލަ ވެށީގައި ތަޖުރިބާ ކުރަމުންދާ ދުވަސްވަރެއް ވެސް މެއެވެ. ސޯޝަލް މީޑިއާ ފީޑަށް ބަލާލުމުންވެސް މިކަމަށް ހެކިދެއެވެ. މިފަދަ މަންޒަރުތަކަކީ ހިތްދަތިކަމާ ނާމާން ކަމުން ފުރިގެންވާ، އަދުގެ ދުނިޔޭގައި އުފާވެރިކަމުގެ އަލިކަމެއް ގެނެސްދޭ މަންޒަރުތަކަކަށް ވަނީ ވެފައެވެ.
އެގޮތުން އެންމެ ފަހުން، ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް މަންޒަރަކީ، މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ދިވެހިންގެ މެދުގައިވެސް ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ މުފްތީ މެންކް ގޭގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ އާދަޔާ ހިލާފު ބުރަ މަސައްކަތްޕުޅެވެ.
މޮޅެތި ކޮފީތައް ގިރުމުގައި އެތައް ބަޔަކު އަވަދިނެތި އުޅެމުން ދާއިރު މުފްތީ މެންކް ވަރަށް ބުރަކޮށް އުޅުއްވަނީ ކާމަރަނގަ ހެއްދެވުމުގެ މަސައްކަތުގައެވެ. ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ ވީޑިއޯގައި، މުފްތީ މެންކް ކާމަރަނގަ ހައްދަވާ މަންޒަރު ފެނެއެވެ. އަދި މިއީ މިފަދަ ކަމެއް އޭނާ ތަޖުރިބާކުރައްވާ ފުރަތަމަ ފަހަރު ކަމަށާ، ބަލިމަޑުކަމާ ގުޅިގެން ގޭގައި ތިބެ މިފަދަ މޮޅެތި އުފެއްދުންތައް ތައްޔާރުކުރަން ހިތްވަރު ކުރަމުންދާ މީހުންނަށް 'ކޮރޯނާ ޝެފުން'ގެ ލަގަބު ދޭން ފެނިވަޑައިގަންނަވާ ކަމަށްވެސް ސަމާސާ ރާގެއްގައި މުފްތީ މެންކް ވިދާޅުވެއެވެ.
ކޮވިޑް-19އަކީ ދުނިޔެއަށް ހަމަޖެހުމުގެ ނޭވާއެއް ލާން ލިބުނު ފުރުސަތެއްގެ ގޮތުގައިވެސް ބައެއް މީހުން ސިފަކުރެއެވެ. އެގޮތުން އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބުމާ، ދިރިއުޅުމަށް ކުރަމުންދާ ބުރަ މަސައްކަތުން ހައްޓަށް ލުއިކަމެއް ލިއްބައި ދެނިވި ފުރުސަތަކަށްވެސް މި ދަނޑިވަޅު ވެފައި ވާކަމަށް އިއްތިފާގުވާ މީހުން މަދެއް ނޫނެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ ބަޔަކު މާޔޫސްވެ ހާސްކަމުގެ ތެރެއަށް ގެނބެމުންދާ މިދަނޑިވަޅުގައި، މުފްތީ މެންކް ގެންދަވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރި ކުރައްވާ، އިލްމީ އަދި ދީނީ އެތައް ވާހަކަ ތަކަކުން ގިނަ ބައެއްގެ ހިތްތަކަށް ހަމަޖެހުން ގެނެސް ދެވޭތޯވެސް މަސައްކަތް ކުރައްވަމުންކަން ފާހަގަ ކުރަންޖެހެއެވެ.