ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19)ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކަށް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުނުލެވި އިކުއެޑޯގެ މަގުތަކުގައި ގިނަވާން ފަށައިފިއެވެ.

މިކަމެއް ހިނގަމުންދަނީ އިކުއެޑޯގެ ހުޅަނގުގައި އޮންނަ، އެގައުމުގެ އެންމެ ބައިބޯ އެއް ސިޓީއެއް ކަމަށްވާ ގުއާޔަގީލްގައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ސިޓީގެ ސިއްހީ ނިޒާމާ އެހެންވެސް ހިދުމަތްތައް އިނދަޖެހިފައި ވާއިރު، ބަލި މީހުންނަށް ހިދުމަތްދޭން އެޑްމިކުރާނެ ހުސް އެނދެއްވެސް ހޮސްޕިޓަލުތަކުގައި މިހާރު ނެތްކަމަށް މައުލޫމާތު ލިބެއެވެ. މޯޗަރީއާއި ގަބުރުސްތާނުތަކުގެ އިތުރުން ޖަނާޒާ ބާއްވާ ތަންތަން ފުރިފައިވާއިރު، މަރުވާ އިތުރު މީހުންނަށް އެއްވެސް ޖާގައެއް ނެތެވެ. މިއާއެކު މަގުތައް މަތީގައި ގަބުރު ބޭއްވުން ނޫން އެހެން ގޮތެއް ނެތް ކަމަށް އިކުއެޑޯގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

އިކުއެޑޯގައި މަރުވަމުންދާ މީހުންގެ ތެރެއިން ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވަނީ ކަނޑައެޅިގެން ކިތަށް މީހުންކަމެއް އަދި ސާފެއް ނުވެއެވެ. މަރުވެފައިވާ ބައެއް މީހުންގެ އާއިލާތަކުން ބުނާ ގޮތުގައި، މަރުވެދިޔަ މެމްބަރުންގެ ހަށިގަނޑުންވެސް ބަލީގެ އަލާމާތްތައް ވަނީ ފެނިފައެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އެމީހުންގެ އާއިލާއިން މަރުވި މީހުންނަކީ އާދައިގެ ބައްޔެއްގައި ބަލިވި ނަމަވެސް، ހޮސްޕިޓަލުން ޖާގައެއް ނުލިބި، ފަރުވާއެއް ނުހޯދިގެން މަރުވި މީހުން ކަމަށެވެ.

ކޮވިޑް-19ގައި އީރާނުން މަރުވި މީހެއްގެ ގަބުރު އުފުލަނީ/ފޮޓޯ: އިބްރާހީމް ނުރޫޒީ

ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރޮއިޓާޒްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވެފައިވާ މައްޔިތާގެ ހަށިގަނޑާ ކަމާބެހޭ ފަރާތްތަކުން ހަވާލުވާން މަޑުކުރާތާ 5 ދުވަސްވެފައިވާ އާއިލާތައްވެސް އެބަ ހުއްޓެވެ. ރޮއިޓާޒްއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި، ގެއެއްގެ ތެރޭގައި ކަޅުކުލައިގެ ޕްލާސްޓިކް ކޮތަޅެއްގައި އޮތް ގަބުރެއްވެސް ފެނެއެވެ. ގަބުރުން އަރަމުންދާ ވަސް ވީހާވެސް ކުޑަކުރުމަށް އެ ކޮތަޅަށް އަމާޒުވާ ގޮތަށް 2 ފަންކާއެއްވެސް ޖަހާފައި ހުންނާތީ ފެނެއެވެ.

ކޮވިޑް-19ގެ ވައިރަހުގެ އަސަރުކޮށް، ބަލިން ފަސޭހަނުވެ މަރުވާ މީހުންގެ ހަށިގަނޑުންވެސް ވައިރަސް ފަތުރަމުންދާކަން ފަހުގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. އެހެންކަމުން، ކޮވިޑް-19ގެ ދުވަސްވަރު މަރުވާ މީހުންގެ ޓެސްޓު ހަދާ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ނުވަތަ ހަށިގަނޑު ނައްތާލުމަށް އެކި ގައުމުތަކުން ދަނީ އެކި އިޖުރާއަތުތައް ކަނޑައަޅަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއިން އަމަލުކުރަން ވަކި އުސޫލެއް ކަނޑައެޅިކަން ނުވަތަ ނޫންކަން އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.