ކޮވިޑް-19 އާ ގުޅިގެން މި ދަނޑިވަޅުގައި އައިޑީކާޑު އަތުގައި ނެތްނަމަ އައިޑީކާޑުގެ ފޮޓޯއެއް ހުށަހަޅައިގެން އާސަންދައިގެން ހިދުމަތް ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

އާސަންދައިން ބުނީ، ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާއްމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ހުށަހަޅައިގެން އާސަންދަ ހިދުމަތް ހޯދޭނެ ކަމަށެވެ.

މީގެއިތުރު އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން އާސަންދަ ހިދުމަތް ލިބޭނެ ކަމަށްވެސް އާސަންދައިން ބުނެއެވެ. އާސަންދައިން ހިދުމަތް ދޭއިރު މި ގޮތަށް ހުށަހެޅޭ ޑޮކިއުމަންޓްތައް އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި އާސަންދަ ހިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، މި ހިދުމަތް ދެވޭނީ އިންތިޒާމް އެ ކުންފުނިން ހަމަޖައްސާފައިވާ ކަމަށްވެސް އާސަންދައިން ބުނެއެވެ.

މީގެ ކުރިން އާސަންދައިގެ ހިދުމަތް ހޯދާ ފަރާތްތަކުން އައިޑީކާޑު ހުށަހަޅަން ޖެހެއެވެ. ނަމަވެސް މި ދުވަސްވަރު ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތީ، އައިޑީކާޑުގެ މުއްދަތު ހަމަވާ ފަރާތްތައް ނުވަތަ ގެއްލިފައިވާ ފަރާތްތަކަށް އެ ކާޑު އާ ކުރުމުގައި ދަތިތަކެއް އުޅޭތީ ބައެއް ފަރާތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިއަށް އޮތް ހަފްތާގައިވެސް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.