ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު 60000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 204 ގައުމަކާ ސަރަހައްދަކުން މި ބަލިވަނީ ފެނިފައެވެ. މި ގައުމުތަކުން 1133801 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 60398 އަށް އަރާފައެވެ.

މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން 14681 މަރު ރިޕޯޓްކޮށްފައިވާއިރު ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިންއިންވެ. ސްޕެއިންއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11744 އަށް އަރާފައެވެ. އިޓަލީވިލާތުން މިއަދު މަރުވި މީހުންގެ ތަފާސް ހިސާބުތައް އަދި އާންމުކޮށްފައި ނުވާއިރު، ސްޕެއިން މިއަދު 546 މީހަކު މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް 277607 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއަދު އެކަނިވެސް މި ލިސްޓަށް 446 މީހެއްގެ ނަން ވަނީ އިތުރުވެފައެވެ. އެމެރިކާއިން މި ބަލީގައި މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ 7406 ކޭހެކެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން 39650 މީހަކު އޮތީ ކްރޓިކަލް/ސީރިއަސް ހާލެއްގައެވެ. އަދި 797748 މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 236005 އަށް އަރާފައެވެ.