ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހި ހައިޖާނުގަނޑެއްގައި އުޅެންޖެހިފައިވާ މުޖުތަމައެއްގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް މީގެ އަހަރުތަކެއް ކުރިން ލިޔުނު ހިޔާލީ ވާހަކައެއް ހަގީގަތަކަށް ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް؟ މި ސުވާލުކުރަން އެންމެ ރަނގަޅު އެކަކީ ސްކޮޓްލަންޑްގެ ލިޔުންތެރިޔާ ޕީޓާ މޭއެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއަކީ ސްކްރީންރައިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައިސް، އެންމެ ފަހުން ވާހަކަ ލިޔަން ފެށި މުސައްނިފެކެވެ. މި ސުވާލަށް ޖަވާބެއް ހޯދުމަށް އެންމެ އެކަށީގެންވާ މީހަކަށް އެނާ ވަނީ، މީގެ 15 އަހަރު ކުރިން، 2005 ވަނަ އަހަރު އޭނާ ލިޔުނު ފޮތެއްގެ ސަބަބުންނެވެ. ފޮތުގެ ނަމަކަށް ދީފައި އޮތީވެސް "ލޮކްޑައުން" މި ނަމެވެ. މި ފޮތުގައި އޮންނަނީ މުޅި ދުނިޔެއަށް އާންމު، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން އުޅޭ ގޮތުގެ ހިޔާލު ވާހަކައެކެވެ.

މިދަނޑިވަޅަކީ އެ ވައިރަހަކާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް ނޭނގޭ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލާ، އެ ބަލީގެ ޝިކާރައަކަށް 1 މިލިއަންނަށްވުރެ ގިނަ މީހުން ހަދާލި ނުރައްކާތެރި ބަލިމަޑުކަމެއް އާންމުވެފައިވާ ދަނޑިވަޅެކެވެ. ބައި ލައްކައަށްވުރެ ގިނަ މީހުން، ކުޑަ ދުވަސްކޮޅެއްގައި މި ދުނިޔެއާއި އަބަދުގެ އަބަދަށް ވަކިވެސް ވެއްޖެއެވެ.

ޕީޓާ މޭގެ "ލޮކްޑައުން" ގެ ވާހަކަ ހާއްސަ ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ލިޔުނު ފޮތް ޝާއިއު ކުރުމަށް، އެ މަސައްކަތްކުރާ އެތައް ބައެއްގެ ގާތަށް އޭނާ ދިޔައެވެ. ނަމަވެސް އެއީ ހައްދެއް ނެތް މިންވަރަށް، ހަގީގަތާ ދުރު ވާހަކަތަކެއް އެކުލެވޭ ފޮތެއް ކަމަށް ބުނެ، އެ ވާހަކަ ޝާއިއުކުރަން ބޭނުންވި މީހަކު އޭރު ނެތެވެ.

ހުރިހާ ކަމެއް ބަދަލުވީ ކޮވިޑް-19އާ އެކުގައެވެ. އެންމެ ފަހުން، މިދިޔަ ބުރާސްފަތި ދުވަހު މި ފޮތް ޝާއިއުވެސް ކޮށްފިއެވެ.

ޕީޓާ މޭގެ "ލޮކްޑައުން"

ޕީޓާ މޭގެ ވާހަކަ ބިނާކޮށްފައި އޮންނަނީ ލަންޑަންގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހަގީގީ ދުނިޔެއަށް ބަލާއިރު، އިނގިރޭސިވިލާތުގައި މި ބަލީގެ ނުރައްކާ މިވަގުތު އޮތީ އޭގެ އިންތިހާއަށެވެ.

ޕީޓާ މޭގެ ހިޔާލީ ވާހަކަ "ލޮކްޑައުން" ގެ ބަނޑޭރިގަނޑު/ފޮޓޯ: އެމްއެސްއެން

މޭ ބުނި ގޮތުގައި ފޮތް ޝާއިއުކޮށްދޭ ފަރާތްތަކުން އޭނާއަށް ކުރިން ދިން ހިތްދަތި ޖަވާބުތަކާއެކު އޭނާވެސް އެފޮތް އެއްފަރާތް ކޮށްލީ ކަމަށެވެ. އަދި އެއީ ލިޔުނު ފޮތެއްކަން ފަހުން ހަނދާންވެސް ނެތުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މަސްރަހު ބަދަލުވީ، ކޮވިޑް-19އާ ގުޅިގެން ވާހަކައެއް ލިޔަންވީނުންތޯ އޭނާގެ ފޭންއަކު ޓްވިޓާ މެދުވެރިކޮށް އެހި ހިސާބުން ކަމަށް މޭ ބުންޏެވެ.

"ފުރަތަމަ އެބުނި އެއްޗަކާ މެދު ވިސްނާލީ. އެހިސާބުން ހަނދާނަށް އައި އެކަހަލަ ވާހަކައެއް ލިޔުނު ހަނދާން. ދެން އަވަށް އަހަރެންގެ އެޑިޓަރު ގާތު އެވާހަކަ ބުނީ. އޭނާ ކިރިޔާ ގޮނޑިންވެސް ނުވެއްޓުނީ. އޭނަ އެއްރެއިން އެ ފޮތް ކިޔައި ނިންމާލި. އަދި މިހުނދުން މިހިނދަށް ފޮތް ޝާއިއުކުރަންޖެހޭނެ ވާހަކަ އެޑިޓަރު ބުނި" ކަންތައް ވެގެން ދިޔަ ގޮތުގެ ޚުލާސާއެއް ދެމުން މޭ ކިޔައިދިނެވެ.

އެމޭޒަން ޔޫކޭއާ ކިންޑްލްއިން މި ފޮތް ލިބެން ހުރިއިރު، ޗާޕްކޮޕީއާއި އޯޑިއޯ ކޮޕީ، މިމަހުގެ 30 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.