އޮސްޓްރޭލިއާއަށް ޒިޔާރަތްކޮށްގެން އުޅޭ ބިދޭސީންނަކީ އެގައުމުގައި ތަންފީޒުކުރަމުންދާ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގްގެ އުސޫލުތަކަށް ކިޔަމަން ނުވާ ބައެއް ކަމުގައި ވަނީނަމަ، އެފަދަ ފަރާތްތައް ގައުމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު، އޮސްޓްރޭލިއާއިން ދީފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެލަން ޓަޖު ވިދާޅުވީ، މިފަދަ ގޮތަކަށް އެގައުމުން ބޭރުކޮށްލާ ފަރާތްތަކަކީ ކުރިއަށް އޮތް ތަނުގައި އެގައުމަށް ދެން އެރޭނެ ބައެއް ނޫންކަމަށެވެ. މިއީ އިންތިހާ ސީރިއަސް އިންޒާރެއް ކަންވެސް ޓަޖު ވަނީ ފާހަގަކުރައްވާފައެވެ.

މިއާއެކު ޓަޖު ވަނީ، އޮސްޓްރޭލިއާގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ ބޭރު ގައުމުތަކުގެ ފަތުރުވެރިންވެސް ވީ އެންމެ އަވަހަށް އެގައުމުން ފޭބުމަށް ގޮވާލާފައެވެ. ވަކިން ހާއްސަކޮށް، އޮސްޓްރޭލިއާގައި ޗުއްޓީ ހޭދަކުރަމުންދާއިރު އާއިލީ އެއްބާރުލުން ނެތް މީހުން ދެން އެންމެ އަވަހަށް އޮތް ފްލައިޓަކުން އަމިއްލަ ވަޒަނަށް ދިއުމަށްވެސް ޓަޖު ވަނީ ގޮވާލައްވާފައެވެ.

އޮސްޓްރޭލިއާގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ މީހުންނަށް ބަލާއިރު އެންމެ ބޮޑީ އިނގިރޭސިވިލާތުގެ އާބާދީއެވެ. މި ފެށޭ ހަފުތާ ތެރޭގައި ލަންޑަންއާ އޮސްޓްރޭލިއާއާއި ދެމެދު 150 ފްލައިޓެއް އާޅާނެ ކަމަށާ، މި ފްލައިޓްތަކުން ފަތުރުވެރިން ރަށަށް ދިއުމަށް އެދޭކަންވެސް އޮސްޓްރޭލިއާގެ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

އޮސްޓްރޭލިއާއަކީ އެކި ކަހަލަ ހުނަރާ ފަންނުވެރިކަމަށް ބަލާ، ސްކިލްޑް ވިސާ ހޯލްޑަރުންގެ ގޮތުގައި 139000 ވަގުތީ މަސައްކަތްތެރިންވެސް ދިރިއުޅެމުންދާ ގައުމެކެވެ. ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުންދާއިރު، މިއިން މީހެއްގެ ވަޒީފާ ގެއްލި، އާ ވަޒީފާއެއް ހޯދުމަށް ފެއިލްވެއްޖެނަމަ، 60 ދުވަހުގެ ތެރޭގައި އެމީހަކުވެސް އޮސްޓްރޭލިއާއިން ފައިބަންޖެހެއެވެ.

ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާއިރު، އޮސްޓްރޭލިއާއިންވަނީ ބަލީގެ އަލާމާތްތައް ނުފެނު ކަމުގައި ވީ ނަމަވެސް ރެންޑަމްކޮށް މީހުން ޓެސްޓުކުރަން ފަށަން ހަމަޖެހިފައިވާކަން އިއުލާންކޮށްފައެވެ. އޮސްޓްރޭލިއާގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11525 އަށް އަރާފައެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 168 އަށް އަރައެވެ.