ތައިލެންޑުން 10 ޓަނުގެ ކާގޯ ރާއްޖެއަށް މިއަދު ގެނެސްފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ހަލުވިކަމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް އަންނަ ހުރިހާ ފަސެންޖާ ޕްލައިޓްތައް މިހާރު ވަނީ ހުއްޓާލައިފައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރިވެރިން ގެންނަ މުދާތައް ގެނައުމުގައި ވަނީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ވިޔަފާރިވެރިންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ގެންނަ މުދާތައް ވެސް ގެނައުމުގައި ވަނީ ތާށިކަމެއް އައިސްފައެވެ. އެކަންކަން ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މިއަދު ރާއްޖެއަށް އައި ތައިލޭންޑުގެ ބޯޓުން 10 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އެއީ ކާބޯތަކެއްޗާއި ތަކުރާރީއާ އަދި ބޭހުގެ ބާވަތްތައް ކަމަށެވެ. މީގެއިތުރުން ބައެއް ވިޔަފާރިވެރިންގެ މުދާވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލެންޑުގެ ފްލައިޓެއް މެދުވެރިކޮށް 10 ޓަނުގެ މުދާ މިއަދު ގެނެސްފައި ވާއިރު ދާދިފަހުން މޯލްޑިވިއަން އިން ވެސް ވަނީ އަވަށްޓެރި ސްރީލަންކާއަށް ގޮސް 10 ޓަނުގެ ކާގޯ ހިިފައިގެން އެނބުރި ރާއްޖެ އައިސްފައެވެ. އެކުންފުނީގެ ކާގޯ ފްލައިޓު ލަންކާގެ އިތުރުން އިތުރު ހަތަރު ސަރަހައްދަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް މުދާ ގެނައުމުގައި ދަތިނުވާނެ ގޮތް ހެދުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ އިތުރު ފްލައިޓްތައް ވެސް ބާއްވަން ނިންމައިފައެވެ. އެގޮތުން އަންނަ ބުދަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްއާއި ޗެންނާއީއަށް ފްލައިޓެއް ބާއްވަން މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ. އަދި ބުރާސްފަތި ދުވަހު ތައިލެންޑާއި ބެންކޮކަށް ވެސް ދަތުރު ކުރުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.