ކަރަންޓީން ފެސިލިޓީއެއްގައި ތިބި 49 މީހަކު މާދަމާ ދޫކޮށްލާނެ ކަމަށް މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން ބޭރުން އެނބުރި ރާއްޖެއަށް އައުމުން ކަރަންޓީން ކޮށްފައި ތިބި މީހުންގެ ތެރެއިން 49 މީހަކު ނަތީޖާ ނެގެޓިވްވެއްޖެ ނަމަ މާދަމާ ދޫކޮށްލާނެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ހުރިހާ ފަރާތްތަކެއް ކަރަންޓީން ނިމުމުގެ ކުރިން ޓެސްޓު ކުރުމަށް ނިންމާފައެވެ. އެއީ މިފަހުން ރާއްޖެއިން ޕޮޒިޓިވް ވި ހަތަރު ދިވެހިންވެސް ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީންގައި ބަހައްޓާފައި ވަނިކޮށް ވާތީއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި 881 މީހަކު އެބަތިބި ކަމަށެވެ. މަބްރޫކް ވިދާޅުވީ އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފި ނަމަ އެ ހުރިހާ އެންމެން ވެސް ދޫކޮށްލާނެ ކަމަށެވެ. އަދި ވިދާޅުވީ ދޫކޮށްލާ މީހުން ބަލާ އާދެވޭނީ ކޮންމެ މީހެއްގެ އާއިލާއިން އެކަކަށް ކަމަށެވެ. އަދި ކަރަންޓީނުން ދޫކޮށްލާ މީހުން ގެންދާ ތަނާއި އެމީހުން ބަލާ ދާންވީ ތަން އެޗްޕީއޭގެ ފަރާތުން އާއިލާއަށް އަންގާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މުޅި ޖުމްލަ ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 19 މީހެކެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އަދި ބާކީ ތިބި ހަތަރު މީހުންނަކީ ދިވެހިންނަށްވާއިރު މިހާރު މި ބައްޔަށް ފަރުވާ ދެމުން ދަނީ ވެސް ހަމައެކަނި މި ހަތަރު ދިވެހިންނަށެވެ. އެ މީހުންނަކީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައިސްފައިވާ ހަތަރު މީހުންނެވެ.