ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނިފައި ވާއިރު، ރާއްޖެއިން ލޭ ލިބުން ދަތިވެފައިވާތީ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާވެސް އެ ފުރުސަތު އެބަ އޮތް ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން ބުނެފިއެވެ.

އެގޮތުން އެ ސާވިސް އިން ބުނީ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ ވެސް މޯލްޑިވްސް ބްލަޑް ސާވިސް އަށް އައިސް ލޭ ހަދިޔާ ކުރެވޭނެ ކަމަަށާއި އެގޮތުން މާދަމާގެ ހެނދުނު 10:00 އިން މެންދުރުފަހު 15:00އާ ހަމައަށް އެ ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ ތެލެސީމިއާ ސެންޓަރުން އިސް ނަގައިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުތައް ކުރިޔަށް ގެންދަމުންނެވެ. އަދި ބަލްޑް ސާވިސް އިން ވެސް އަންނަނީ ތަފާތު އެކި ކޭމްޕްތައް ބާއްވަމުންނެވެ.

މިދިޔަ މަހުގެ 22ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެދުވަހާއި ހަމައަށް 83 ފަރާތަކުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ. މި ވަގުތަކީ އާންމުންގެ އެހީތެރިކަން ލޭ އަޅާ ކުދިންނަށް ބޭނުން ވެފައިވާ ދަނޑިވަޅެއް ކަމަށާއި ވެވުނު ވަރަކުން ލޭ ހަދިޔާ ކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ. މި މަހުގެ 23ވަނަ ދުވަހު ބްލަޑް ސާވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ދުވަހު އެކަނިވެސް 91 މީހަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވެފައި ވަނީ ލޭ އަޅާ ކުދިންނަށް އެންމެ ބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުން ކަމަށާއި މިހާލަތުގައި އެކަން އެގޮތަށް ކުރެވެން ނެތުމުގެ ސަބަބުން އާންމުނގެ ތެރެއިން އެހީވެވޭނެ ފަރާތްތަކުން ލޭ ހޯދުމަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.