ޗައިނާގެ ވެރިރަށް ބެއިޖީންގްގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރޮޓޭޝަން އުސޫލުން ފޮނުވުން މިވަގުތަށް މަޑުޖައްސާލަން ޗައިނާއިން ގޮވާލައިފިއެވެ.
ޗައިނާއިން މިކަމަށް ގޮވާލާފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތައް ޗައިނާއިން އަދިވެސް ފެންނަމުން ދާއިރު، އެ ކޭސްތަކަކީ ޗައިނާއަށް ބޭރުގެ ގައުމުތަކުން އިމްޕޯޓްވާ ކޭސްތަކެއް ކަމަށް ޗައިނާއިން ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޗައިނާ ހާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވީ ބެއިޖީންގްއަށް ޑިޕްލޮމެޓުން ފޮނުވުން މިވަގުތަށް މަޑުޖައްސާލަން އަންގާފައި ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލިމަޑުކަން ފެތުރެމުންދާ ގޮތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށާ، އެނޫން އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށެވެ. މީގެ އިތުރުން ބޭރުގެ ޑިޕްލޮމެޓުންގެ ސިއްހަތާ މެދުވެސް ޗައިނާއިން ކަންބޮޑުވާކަމަށް އެގައުމުން ވަނީ ބުނެފައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އާއި އެނޫންވެސް ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ޗައިނާ ހާރިޖިއްޔާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވީ ދާދި ފަހުން ޗައިނާއަށް އެތެރެވި ބޭރުގެ ޑިޕްލޮމެޓުންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ހުއާ ވިދާޅުވީ، ހުސްވި ހަފުތާގައި އެކަނިވެސް ބޭރު ގައުމުތަކުން 84 ޑިޕްލޮމެޓަކު ޗައިނާއަށް އެތެރެވެފައިވާއިރު، އޭގެ ތެރެއިން 66 ޕަސެންޓް ޑިޕްލޮމެޓުންނަކީ ކޮވިޑް-19އަށް ކަށަވަރުވެފައިވާ ކޭސްތަކުގެ ކްލޯޒް ކޮންޓެކްޓްސް ކަމަށެވެ.
ހުއާ އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ކޭސްތަކަށް ފަރުވާ ކުރުމުގައި ދޭސީންނާ ބިދޭސީންނާ މެދު އެގައުމުން އެއްވެސް ވަރެއްގެ ފަރަގެއް ނުގެންގުޅޭ ކަމަށެވެ.
ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ ނުރައްކާ ޗައިނާއަށް އޮތް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ޗައިނާއިން މިހާރުވެސް ވަނީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް ވަރަށް ބޮޑަށް މަދުކޮށްފައެވެ. ބެއިޖީންގްއަށް އަންނަ ބައިނަލްއަގުވާމީ ފްލައިޓްތައްވެސް އެގައުމުގެ އެހެން ސިޓީތަކަށް ދަނީ ޑައިވާޓް ކުރަމުންނެވެ.