ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ވީހާވެސް ކުޑަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުކޮށް، ވެބް ކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކޮށް ބާއްވަން ފަށާފައިވާކަން ފާހަގަކޮށް އެމެރިކާއިން އެކަމަށް ތައުރީފުކޮށްފިއެވެ.

ސްރީލަންކާއަށާ ދިވެހިރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ބީ ޓެޕްލިޓްސް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ، ވާޗުއަލް ޕްލެޓްފޯމެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތަށް ތައުރީފު ހައްގުވާކަމަށެވެ. މިކަން ފާހަގަކުރައްވަމުން ސަފީރު ވަނީ ދިވެހި ސަރުކާރަށްވެސް ތައުރީފުކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ތަންފީޒުކުރާ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގް އަކީ، މުޖުތަމައުގެ ދުޅަހެޔޮކަމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ފުރަތަމަ ފަހަރަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންލައިން ކޮށް ބާއްވާ، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީސް، ތާރީހުން ޖާގަ ހޯދީ ހުސްވި މާޗް މަހުގެ 30 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ ބާއްވާފައި ވަނީ މައިކްރޮސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށެވެ. މި މަންޒަރުތައް ރާއްޖޭގެ އެކި ބްރޯޑްކާސްޓަރުންވަނީ ވަގުތުން ދުރަށް ފޮނުވާފައެވެ.