ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފްގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން އެހީގެ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

ލޯތްބާއެކު ކެމްޕޭނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އައިއޭސީ ގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި ކެމްޕޭނުގެ ދަށުން 2018 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަމާއި އެކު ފެން ރައްކާ ކުރާނެ ހަން އަދި ގޭބީސީ ތަކުގައި ބޭނުން ކުރެވޭ ފަދަ ބެޓަރީއާއި ލެޑް ލައިޓް ފޯރުކޮށްދީ އިންސްޓޯލް ކޮށްދީފައިވެއެވެ. މިިދިޔަ އަހަރު މި ކެމްޕޭން ހާއްސަކުރެވިފައި ވާނީ ސީރިޔާ އަދި ފަލަސްތީނުގެ ރައްޔިތުންނަށެވެ. އެގޮތުން މިދިޔަ އަހަރު އެ ދެ ގައުމުގެ ރައްޔިތުންނަށް ވަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އަހަަރުގެ ކެމްޕޭނަށް ހާއްސަ ކުރެވިފައިވަނީ ޖުމްލަ 6 ގައުމަކަށެވެ. އެގޮތުން މި ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ނޭޕާލް، ޔުގެންޑާ، ސީރިޔާ، ފަލަސްތީނު، ޔަމަން އަދި ބަންގްލަދޭޝް އާއި މެލޭޝިއާގައި ތިބި ރޮހިންޔާ އަށް ނިސްބަތްވާ ރެފިއުޖީންނަށެވެ. އައިއޭސީއިން ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމުގައި ބޭރުގެ 10 އެންޖީއޯއަކުން ބައިވެރިވާނެ ކަމަށެވެ. މީގެއިތުރުން އިންޓަނޭޝަނަލް ފަންޑް ހޯދުމާއި އެއްކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޔޫކޭގެ އެންޖީއޯއެއް ކަމަށްވާ އޮލިވް ގްރޯވް ހަމަޖެހިފައިވާ ކަމަށްވެސް އައިއޭސީއިން ބުނެއެވެ.

ލޯތްބާ އެކު 2020 ޕެންޑަމިކް ރިލީފްގެ ނަމުގައި ފެށި ކެމްޕޭންގެ ތެރެއިން / ފޮޓޯ: އައިއޭސީ

އައިއޭސީ ގެ އިންޓަނޭޝަނަލް ރިލޭޝަން ޑިރެކްޓަރު މުހައްމަދު އަލީ މައުލޫމާތުދޭ ގޮތުގައި، މި އަހަރުގެ ކެމްޕޭން މި މަހުގެ އެއް ވަނަ ދުވަހު އިއުލާން ކޮށްފައި ވަނީ "ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް" ގެ ނަމުގައި ކަމަށެވެ. އަދި މި ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބަލިމަޑު ކަމުގެ ކާރިސާ ކަމަށްވާ ކޮވިޑް 19 ގެ ސަބަބުން ބޭރުތެރޭގައި މީހުން އެއްވެ އެޅޭގޮތަށް ހިންގޭ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް އައިއޭސީއިން ބުނެއެވެ.

މި އަހަރުގެ ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާގެ ބަލިމަޑު ކަމަށް ހާއްސަ ކޮށްގެން ކަމަށާއި، އައިއޭސީއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ހާއްސަ ހައިޖީން ޕެކެއް ހިމަނާފައި ވާނެކަމަށް ބުނެފައި ވެއެވެ. އައިއޭސީއިން މައުލޫމާތުދޭ ގޮތުގައި ޖުމްލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވަލާފައިވާ ކަމަށް އައިއޭސީއިން ބުނެއެވެ.