ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް މަންޒިލް ކަމަށްވާ ސްޕެއިންއިން މި ބަލީގައި އިތުރު 932 މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މިއާއެކު ސްޕެއިންއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު މިވަނީ 10935 އަށް އަރާފައެވެ. ސްޕެއިންގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު އެގައުމުގައި މިވަގުތު އޮތް އެކްޓިވް ކޭސްތަކުގެ އަދަދަކީ 76262 އެވެ. މިއީ ބުރާސްފަތި ދުވަހާ އަޅާ ބަލާއިރު 2770 ކޭސް އިތުރު އަދަދެއް ނަމަވެސް، މިއީ މާޗް 20 ވަނަ ދުވަހުން ފެށިގެން މިއަދަދު މިހާ ދަށްކޮށް އިތުރުވި ފުރަތަމަ ފަހަރުވެސްމެއެވެ.

ސްޕެއިންގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލުމާތު ދޭ ގޮތުގައި އެގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 30513 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މިއީ ބުރާސްފަތި ދުވަހު އާންމުކުރި ރެކޯޑްތަކާ އަޅާ ބަލާއިރު 4000 ކޭސް އިތުރު އަދަދެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ސްޕެއިން ކުރިމަތިލިފަހުން އިންޓެންސިވް ކެއާ ޔުނިޓްތަކުގައި 6416 މީހަކު އެޑްމިޓްކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އަދި މާޗް މަހުގެ މެދަކާ ހިސާބުގައި އެގައުމުން ބަލި ފެންނަމުންދިޔަ ވަރާ އަޅާ ބަލާއިރު، މިހާރު އެގައުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނަކަންވެސް ފާހަގަކުރެވެއެވެ.