ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ފުރަވެރި އައިލެންޑް ރިސޯޓް ކަރަންޓީން ފެސިލިޓީ އަކަށް ހަދައިފިއެވެ.

މިކަމާއި ގުޅިގެން ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ކަރަންޓީން އެކި ފެސިލިޓީތަކުގައި މިވަގުތު 880 މީހުން އެބަ ތިބި ކަމަށާއި، އަދި މީގެ އިތުރުން އިތުރު ކަރަންޓީން ފެސިލިޓީއެއް ހުޅުވާފައިވާ ކަމަށާއި، އެއީ ފުރަވަރި ކަރަންޓީން ފެސިލިޓީ ކަމަށެވެ.

މީގެ އިތުރަށް މަބްރޫކް ވިދާޅުވީ ރާއްޖޭގައި ޖުމްލަ 18 މީހަކު އެކަހެރިކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 15 މީހަކު ތިބި އިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކު އެކަހެރިކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑް19ގެ ހާލަތައް ބަލާއިރު މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ 4 ދިވެހިންނަށެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ ހާމަވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި އެ ރިސޯޓުގެ މުވައްޒަފަކާއި އަދި އަނަންތަރާ އައިލެންޑް ރިސޯޓުން ދެ ފަތުރުވެރިންނާއި ކުރަމަތި އައިލެންޑް ރިސޯޓުގެ ދެ ފަތުރުވެރިންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ހަތަރު ދިވެހިންނެވެ.

ރާއްޖޭގައި މި ބަލި އިތުރުށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުންވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ އިއްޔެ އިން ފެށިގެން ތިން ގަޑިއިރަށް މީހުން މަގުމައްޗަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާ ކޮށްފައެވެ. އަދި ފަތުރުވެރިންނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.