ބްރެޒިލްގެ އެމެޒޯން ޖަންގަލީގެ ވަރަށް އެތެރޭގައި އޮންނަ ރަށްފުށުގެ ގަބީލާ އަވަށަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ އަންހެނެއް ފެނިއްޖެއެވެ.
މިއީ މިފަދަ 300 އެއްހާ ގަބީލާ އަވަށްގަނޑުތައް އޮންނަ ބްރެޒިލްގެ ރަށްފުށު އަވަށަކުން ކޮވިޑް-19ގެ ކޭހެއް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުންވަނީ މިކަން ކަށަވަރުވެސް ކޮށްދީފައެވެ.
ކޮވިޑް-19އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކޮކާމާ ގަބީލާއަށް ނިސްބަތްވާ، އުމުރުން 20 އަހަރުގެ އަންހެނެކެވެ. އޭނާ ޕޮޒިޓިވްވެފައިވާ ސަންތޯ އެންޓޯނިއޯ ޑޮ ލާއޭ ކިއުނު ސަރަހައްދުން އިތުރު 4 މީހަކުވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ޑޮކްޓަރަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު ނާޒުކުހާލެއްގައި ދިރިއުޅެމުންދާ ބްރެޒީލްގެ ގަބީލާ ދަރިކޮޅުތަކުގެ މެދުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ހިނަގއިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެފަދަ ސަރަހައްދެއްގައި ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރިއްޖެނަމަ އެކަމުގެ ނުރައްކާ އިންތިހާއެވެ.
ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި 20 އަހަރުގެ އަންހެން މީހާއަކީ، ހުސްވި ހަފުތާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި ޑޮކްޓަރަކާ ކޮންޓެކްޓްވެފައިވާ މީހެއް ކަމަށެވެ. އެ ޑޮކްޓަރަކީ ބްރެޒީލްގެ ދެކުނުގެ ސަރަހައްދެއްގައި ދާދި ފަހުން ޗުއްޓީ ހޭދަކުރި ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެއެވެ. މި އަންހެން މީހާގެ ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވެސް ޚަބަރު ލިބެއެވެ.
ބްރެޒިލްގެ އާންމު ހާލަތަށް ބަލާއިރު، މުޅި އެގައުމުން 6932 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.