ކޮވިޑް-19އިން ސަލާމަތްވާން އެންމެ މުހިންމީ ދުއާ ކުރުމާއި އިޖުތިމާއީ ގައިދުރުކަން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް ވަނީ މި ބަލިމަޑުކަމުން ރައްކާވެ ތިބުމަށް މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވަވާ ގޭގައި ތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހައްދަވަން ޖެހޭ ކަމަށްވެސް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ނައިބް ރައީސް މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގުންތަކަށް ރައްޔިތުން ބޯލަނބަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ގޮވާލައްވާފައެވެ. އަދި މި ނުރައްކާތެރިކަމުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކާއި ސިއްހީ މާހިރުން ދެމުންދާ އިރުޝާދުތަކަށް ބޯލަނބައި، ގޭގައި ތިބުމަށްވެސްރައީސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަށް ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ ކަރަންޓީން ކުރަމުންނެވެ. މީގެއިތުރުން ކަރަންޓީނުގައި ތިބޭ އެންމެން ވެސް ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާނެކަން ވެސް ސަރުކާރުން ދާދިފަހުން ވަނީ އިއުލާންކޮށްފައެވެ. އަދި މިއަދުން ފެށިގެން މާލޭގައި ކޮންމެ ދުވަހަކުވެސް ތިން ގަޑިއިރަށް ކާފީ ވަނީ އިއުލާން ކޮށްފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހަލަތަށް ބަލާއިރު، މިހާރަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅު ވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިތިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ހަތަރު ދިވެހިންނެވެ.