ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފިއެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން އެ ނިންމުން ނިންމާފައިވަނީ އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގަ އުޅެން ޖެހޭ ވަގުތު ވީހާ ވެސް މަދު ކުރުމަށް ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ވެފައިވާ ގޭބީސީތަކަށް ބިލު ފޮނުވާނީ ހަމައެކަނި އެޕް މެދުވެރިކޮށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެ އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދެއްކޭނެ ކަމަށާއި، ފެން ބޭނުން ކުރެވޭ މިންވަރު އެނގި ކުންފުނީގެ މުވައްޒަފުންނާ ލައިވް ޗެޓް މެދުވެރިކޮށް ވާހަކަދެއްކޭނެ ކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ. އެ ބަދަލާއެކު ކަރުދާސް ބިލު ފޮނުވޭނީ ހަމައެކަނި ރަޖިސްޓްރީނުކޮށް ހުރި ގޭބީސީތަކަށް ކަމަށާއި އެފަދަ ގެތަކަށް ބިލު ފޮނުވޭނީ ހަމައެކަނި ގްރައުންޑް ފްލޯއާ ހަމައަށް ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.
އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަނަށް ރަޖިސްޓްރީވެފައިވާ ގޭބީސީތަކަށް މީގެ ކުރިން އެޕްގެ ޒަރިއްޔާއިން ބިލު ފޮނުވުމުގެ އިތުރަށް ކަރުދާސް ބިލު ވެސް ވަނީ ފޮނުވާފައެވެ. ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހަމައެކަނި ޑިޖިޓަލްކޮށް ބިލް ލިބޭ ގޮތަށް ނިންމި އިރު އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ އޮންލައިން ހިދުމަތް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އިގްތިސޯދީގޮތުން އަނދަވަޅަކަށް ވެއްޓިފައިވާއިރު، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ގޭބީސީއަކަށް އެއް ޓަނު ފެން ހިލޭ ދޭން ނިންމައިފައެވެ.