ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަށްވެސް އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށް އޭނާ ހަދާލީ މީގެ ހަފުތާތަކެއް ކުރިން އޭނާ ދިޔަ ބައްދަލުވުމެއްގެ ތެރެއިން ކަން ސްޓުވާޓް ބޮއިލްއަށް ޔަގީންވެއެވެ.

"އެއީ ބުރާސްފަތި ދުވަހެއް. އަހަރަމެން އޭރުވެސް އިޖުތިމާއީ ގައިދުރުކަން ތަންފީޒުކުރަމުން ދިޔައީ. އާދީއްތަ ދުވަހާ ޖެހުނުއިރު، ގިނަ ބައެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށައިފި" ބޮއިލް، އޭނާގެ ވާހަކަ ފެށިއެވެ.

ޖެހިގެން އައި 10 ދުވަސް ވެގެންދިޔައީ އުމުރުން 64 އަހަރުގެ ބޮއިލްގެ ސިއްހަތު އިންތިހާއަށް ދަށްވެގެންދިޔަ ދުވަސްތަކަކަށެވެ.

"ފުރަތަމަ މާ ބޮޑު ކަމެއް ނުވޭ. ސިޑިން އަރާލިއަސް ނޭވާ ކުރުވާން ފެށި. ފަހުން ފަހުން އައިސް ކަސްރަތުކޮށްލާނެ ވަރުވެސް ގައިގަ ނެތް. ހެލިފެލިވެލާނެ ވަރުވެސް ނެތް. ވައިރަސް ހަމަލާ ދެމުންދިޔައީ ސީދާ ފުއްޕާމެޔަށް. އެ ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރާނެ ބާރު ދިޔައީ ދަށްވަމުން" ބިއިލް ބަލިވެގެން އައި ގޮތް ކިޔައިދިނެވެ.

ބޮއިލްގެ ހާލަތާ މެދު ކަންބޮޑުވެ، އޭނާގެ ވާހަކަ ސިއްހީ ހިދުމަތްތެރިންނަށް އާއިލާގެ ފަރާތުން އެންގީ ދެނެވެ.

"ހީވީ ފިލްމެއްގެ މަންޒަރެއް ހެން. އަހަރެން ވަގުތުން ގެންދެވުނީ ރެޑް ޒޯންއަށް. އެތަނުގައި އޭރުވެސް ބައިވަރު ޓެސްޓު ހަދަމުންދިޔަ. އެމީހުންނަށް ހީވި އަހަރެންނަށް ހުރީ ކޮވިޑް-19 ޖެހިފައޭ. އެހެންވެ އަހަރެންނަށް އޮކްސިޖަން ދޭން ފެށި. ތަންތަން އަނދިރިވަމުންދިޔަ. އަޑުތަކެއް އިވޭ ހިންވެސް ހީވި. އެ އަނދިރިކަމުގެ ތެރެއިން މީހަކު އެއްޗެއް ބުނާހެންވެސް ހީވި. އަހަރެންގެ ވަގުތު އައިސް ޖެހުނީއޭވެސް ހިތަށް އެރި. އެކަމަކު ދިރިހުންނަން އަހަރެންގެ ހިތް ދިޔައީ ގޮވަމުން" އެންމެ ނުތަނަވަސްވެގެން ދިޔަ ވަގުތުގެ ހަނދާންތައް އާ ކުރަމުން ބޮއިލް ކިޔައިދިނެވެ.

"ނޭވާ ލެވޭތޯ ފުއްޕާމޭއިން ކުރަމުންދިޔަ ހަނގުރާމަ އިހުސާސްވި. ގައިގަ ހުރިއްޔާ ހުރި ހުރިހާ ހިތްވަރެއް އެކަމަށް ހުސް ކުރަން ޖެހުނު. އޮކްސިޖަން ދޭން ފެށީމަ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭ. އަދި ވައިރަހާ ދެކޮޅަށް ތެދުވާނެ ކޮންމެވެސް ވަރެއްގެ ހިތްވަރެއްވެސް ލިބޭ. ސިއްހީ ހިދުމަތްތެރިން ވަރަށް ރަނގަޅު. އެކަމަކު އެމީހުންނަށްވެސް ދެވޭނީ އެހީއެއް. މިކަމުން ސަލާމަތްވާން ބޭނުންކުރާނެ ވެކްސިންއެއް ނެތް. ނޫނީ ޖާދުވީ ބޭހެއްވެސް ނެތް" ބޮއިލް ކިޔައިދިނެވެ.

ކޮވިޑް-19އަށް ފަރުވާ ކުރަމުންދަނީ ބަލިން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ހޮސްޕިޓަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ބަލިން ރަނގަޅުވެ، އަމިއްލަ ގެއަށް ބޮއިލް ބަދަލުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް މިހާރުވެސް އޭނާ ހުރީ ސެލްފް-އައިސޮލޭޝަންގައެވެ. އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ބޮއިލް، އޭނާގެ ބައްދަލުވުންތައް މިހާރު ބާއްވަމުންދަނީ ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކޮށެވެ.