ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.

ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައި ވަނީ، ކޮވިޑް-19 މިހާރުގެ ހާލަތަށް ބަލާފައި ޔޫކޭއިން މިދިޔަ މަހުގެ 14 އިން 19 އާ ދެމެދު އައި މީހުން ޓެސްޓް ކުރަން ނިންމާފައި ވުމާ ގުޅިގެންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަޝީދު ޔޫކޭއަށް ވަޑައިގަތީ ހުސްވި މަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި ރާއްޖެ ވަޑައިގެންނެވީ، ޔޫކޭއިން އަންނަ މީހުން ކަރަންޓީނު ކުރުމަށް އެޗްޕީއޭގެ ފަރާތުން ނާންގަނީސް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ، ރައީސް ނަޝީދު ހުންނެވީ، އެޗްޕީއޭ އިން އެދިވަޑައިގެންނެވި ގޮތައް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށެވެ. ނަޝީދު ވިދާޅުވީ، ޔޫކޭއިން ވަޑައިގަތުމަށް ފަހު، ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ ޑޮކްޓަރެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށެވެ. އަދި ވަޑައިގެންނެވުމަށް ފަހު ގައިދުރުކަން ގެންގުޅުއްވި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔޫކޭއިން ވަޑައިގެންނެވުމަށް ފަހު އައިއޮލޭޝަން (ގައިދުރުކަން) ގެންގުޅުއްވި ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، މިމަހު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ވެސް އިންނެވީ ނަޝީދެވެ.

ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، ލައިލާގެ ކައިވެންނަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ. ނަޝީދާއި ލައިލާގެ ކައިވެނީގެ އަހަރީ ދުވަހަކީ މާޗު މަހުގެ 13 ވަނަ ދުވަހެވެ.