ކޮވިޑް-19އާ ގުޅިގެން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެޕާޓްމަންޓްތަކުގެ ކުއްޔަށް ލުޔެއްދީފިއެވެ.
ޖީއެމްއައިޒެޑްއެލުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ޖީއެމްއައިޒެޑްއެލްގައި ކުއްޔަށް އުޅޭ ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތް 3 މަސް ދުވަހު ދައްކަން ޖެހޭ މަހު ކުލީގެ 30 ޕަސެންޓް އުނިކޮށްފައިވާ ކަމަށެވެ.
ޖީއެމްއައިޒެޑްއެލުން ބުނީ، މިގޮތަށް ހަމަޖެއްސީ ކޮވިޑް-19އާ ގުޅިގެން ކ. ތިލަފުށި އަދި ކ. ގުޅިފަޅުން ބިން އަދި އެޕާޓްމަންޓް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ބަދަލު ގެނެސްފައި ވަނީ އޭޕްރީލް މަހުން ފެށިގެން ކުރިއަށް އޮތް 3 މަސްދުވަހުގެ މުއްދަތަށް ކަމަށް ޖީއެމްއައިޒެޑްއެލުން ބުނެއެވެ.
ޖީއެމްއައިޒެޑްއެލުން ކުއްޔަށް ލުއި ދީފައިވާއިރު ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ޓެންނަންޓުންނަށް ލުޔެއް ދީފައެވެ. އެގޮތުން އެޗްޑީސީން ދޫކޮށްފައިވާ ފްލެޓް، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާއީ ބިންތަކަށް އެއްބަސްވުމުގެ ދަށުން އަންނަ އޭޕްރީލާއި މޭ މަހު ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި ކުލީގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ، ކުލި ދެއްކުމުގައި ލުއި ލިބޭނީ، ވެފައިވާ އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. އަދި ކުއްޔަށްވާ ފައިސާއިން 30 ޕަސެންޓް ލުއި ކޮށްދިނުމަށް ނިންމާފައި ވަނީ، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލްގެ ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް މި ދެ މަހަށްވާ ފައިސާގެ ޖުމްލަ އަދަދު ޖަމާކުރާ ފަރާތްތަކަށެވެ. އަދި ޖުމްލަ އަދަދު ދެއްކުމުން، ކުލީގެ 30 ޕަސެންޓަށްވާ ފައިސާ އަނބުރާ ރައްދު ކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ކުއްޔަށް ލުއިދޭ ފަރާތްތަކުގެ ތެރެއިން، އެ 30 ޕަސެންޓްގެ ފައިސާ އެޗްޑީސީއަށް އަނބުރާ ދެއްކުމަށް 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.