ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރު ވެއްޖެ ނަމަ ޖޫރިމަނާކުރާނެކަމަށްވެސް ސަމީރު ވިދާޅުވިއެވެ. ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށްވެސް ފުލުހުން ބުނެއެވެ.

ހުއްދަ އޮންނަ ފަރާތްތަކަށް ފުލުހުން ހާއްސަ ސްޓިކާއެއް ދޫކުރަމުންގެންދާނެ ކަމަށާއި އެ ސްޓިކާ ނެތްނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާއްމު ސިއްހަތު ރައްކާތެރިކުރުމަށް އެޗްޕީއޭގެ ފަރާތުން ނެރެފައިވާ އިއުލާނުގައި ވަނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް ހަވީރު 05:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަޙައްދުގައި މަގުމަތީގައި މީހުން އުޅުމާއި އަދި އުޅަނދުފަހަރު ދުއްވުން މަނާވުމާއި އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށްވުރެ އިތުރަށް މީހުން މަގުމަތީގައި އެއްވެ އުޅުން މަނާކޮށްފާވާ ކަމަށެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހަލަތަށް ބަލާއިރު، މިހާރަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅު ވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.