ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އާމްދަނީން 12 ބިލިއަން ރުފިޔާ ޑެފިސިޓް ވާން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވުމުގެ ބިރު އެބައޮތް ކަމަށާއި ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށް ބޮޑަށް މަދުވަމުންދާ ކަމަށެވެ.
މިއަހަރު ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ ކަމަށާއި މި އަހަރު ރާއްޖޭގެ ޓޫރިޒަމް 37 އިންސައްތަ އާއި 50 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ހަރަދުތަކުގެ ތެރެއިން އެއް ބިލިޔަން ރުފިޔާ ސަލާމަތް ކުރަން ނިންމާފައި ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ހަރަދުން އެއަށްވުރެ ގިނަ ފައިސާ ސަލާމަތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މިކަމުގެ އެންމެބޮޑު ބޭނުމަކީ އިގްތިސޯދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުނަ ނުދީ ހިންގެވުން ކަމަށާއި މި މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައި ވާ ކަމަށް މިރޭވެސް އަމީރު ވިދާޅުވިއެވެ.