ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ފީ މާފު ކޮށްދިނުމަށް އެ ޔުނިވަރސިޓީން ނިންމައިފިއެވެ.

އެމްއެންޔޫއިން ބުނީ މިދިޔަ މާޗް މަހާއި މިމަހުގެ ފީ މާފު ކޮށްދިނުމަށް އެ ޔުނިވަރސިޓީން ވަނީ ނިންމާފައިވާ ކަމަށެވެ.

ރަށްރަށުގެ ދަނާލުތަކުން ދަރިވަރެއްގެ އަތުން ނަގަނީ މަހެއްގެ މައްޗަށް 500 ރުފިޔާއެވެ. އަދި މާލޭ ދަނާލުގައި، އެއް ދަރިވަރަށް ވުރެ ގިނައިން ތިބޭ ކޮޓަރިތަކުން ކުއްޖެއްގެ އަތުން ކޮންމެ މަހަކު 900 ރުފިޔާ އަދި އެކަނި ހުންނަ ކޮޓަރިއަކަށް 1200 ރުފިޔާ ނަގާކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.

މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައިވެސް އެމްއެންޔޫގެ ދަނާލުތައް ހުރެއެވެ. މި ދަނާލުތަކުގައި 168 ދަރިވަރުން ތިބިކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.

އެމްއެންޔޫއިން މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19ގެ ސަބަބުން ދަރިވަރުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެ ޔުނިވާސިޓީން ބުނާއިރު، މި ދަނޑިވަޅުގައި ސަރުކާރުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާވައިދީފައެވެ.

އެގޮތުން ސަރުކާރުން ވަނީ މަތީ ތައުލީމަށް ކިޔެވުމަށް ލޯނު ނަގާފައިވާ ދަރިވަރުންނަށް ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ސްޓޫޑެންޓް ލޯން ދައްކަންޖެހޭ މުއްދަތު ވަނީ 6 މަސްދުވަހަށް ފަސްކޮށްދީފައެވެ.