ކޮވިޑް-19 ގެ ތެރޭގައި ރާއްޖޭގައި ފަރުވާ ދިނުމުގެ ކަންކަމުގައި އުޅުނު ޑޮކްޓަރަކު ކަރަންޓީނު ކޮށްފައި ވާކަމަށް ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިދް ފެނުނުފަހުން އެ މަސައްކަތުގެ ތެރޭގައި އުޅުނު ޑޮކްޓަރެއްގެ ގިބައިން އަލާމާތްތަކެއް ފެނިގެން އެކަހެރިކޮށްފައި ވާ ކަމަށެވެ. އެއީ ކޮން ޑޮކްޓަރެއް ކަން ވިދާޅުނުވި ނަމަވެސް އޭނާ ހުރި ފެސިލިޓީ ހާމަކުރައްވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އިތުރަށް މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތް ފެނިގެން 6 މީހަކު އައިސޮލޭޓް ކުރި ކަމަށެވެ. އަދި އައިސޮލޭޓް ކުރުމަށް ޓެސްޓް ކުރުމުން އެމީހުންގެ ގައިގާ އަލާމާތް ނެތުމުން މަސައްކަތަށް އެނބުރި ނުކުމެފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ކަރަންޓީން ފެސިލިޓީތަކުގައި ތިބީ ޖުމްލަ 866 މީހުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ ޖުމްލަ 16 މީހުންނެވެ.

މިއަދާ ހަމައަށް ޖުމްލަ 1137 ސާމްޕަލް ޓެސްޓްކޮށްފައި ވާއިރު، 1114 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އޭގެތެރެއިން 18 ސާމްޕަލް ޕޮޒިޓިވް ވެފައި ވާއިރު، ނަތީޖާ ނުލިބޭ 5 ސާންޕަލް އެބަހުއްޓެވެ.

ރާއްޖޭގައި މިހާތަނަށް މިބައްޔަށް 18 ފަރާތެއް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާރު މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ދެމުންދަނީ ޔޫކޭއިން ރާއްޖެއަށް އައި 3 ދިވެހިންނަށެވެ.