ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލާފައި ޔޫކޭއިން މި މަހުގެ 14 އިގެ ފަހުން އައި މީހުން ޓެސްޓް ކުރަން ނިންމުމުން ރައީސް ނަޝީދުވެސް ޓެސްޓް ކުރާނެ ކަމަށް ކޮވިޑް-10 ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި މަހުގެ 14 ގެ ފަހުން ރާއްޖެއަށް ޔޫކޭއިން އައިސްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތް ނުފެންނަ މީހުންވެސް ޓެސްޓް ކުރެވޭނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫކޭއަށް ޒިޔާރާތްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހު ވަނީ މަޖިލީހުގައި ބޭއްވި ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނިފުޅަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ. ނަޝީދާއި ލައިލާގެ ކައިވެނިފުޅަށް އަހަރު ފުރޭ ދުވަހަކީ މާޗު މަހުގެ 13 ވަނަ ދުވަހެވެ.
ޔޫކޭއިން ރާއްޖެ އައި މީހުން ސްކްރީން ކުރަން ސަރުކާރުން މި ނިންމީ، މިހާރު ޕޮޒިޓިވް ވެފައި ތިބި 3 ދިވެހިންނަކީވެސް ޔޫކޭއިން އައި ބައެއް ކަމަށް ވެފައި، އެމީހުންވެސް ރާއްޖެ އައިސްފައި ވަނީ ޔޫކޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ކަމަށް ވުމާއެކު ރައްކާތެރިކަމުގެ ގޮތުންނެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ކުރުމަށް އެޗްޕީއޭއިން ނިންމާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ އުސޫލުގެ ދަށުންނެވެ. އެގޮތުން މިހާތަނަށް ޔޫކޭއިން ރާއްޖެ އައި 3 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.