ކޮވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު މި މަހުގެ 14 އިން ފެށިގެން 19 އާ ދެމެދު ޔޫކޭއިން ރާއްއަށް އައި ދިވެހިންގެ ކޮންޓެކްތް ސްކްރީނިން ހެދުމަށް ޓެކްނިކަލް ޓީމުން ނިންމާފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޔޫކޭއިން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލުމުގެ ކުރިން އެ ގައުމުން ރާއްޖެއަށް އައިސްފައި ތިބި ދިވެހިންގެ ތެރެއިން މި މަހުގެ 14 އިން 19 އާ ދެމެދު ރާއްޖެއަށް އައިސްފައިވާ ހުރިހާ ދިވެހިން ޓެސްޓު ކުރާނެ ކަމަށެވެ.

ރާއްޖެއަށް ޔޫކޭއިން އައި ދިވެހިންގެ ތެރެއިން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމަތް ނުފެނުނު ކަމުގައި ވިޔަސް އެމީހުންގެ ކޮންޓެކްޓް ސްކްރީނިން ހަދަން ނިންމާފައިވާ ކަމަށެވެ. މި ގޮތަށް ނިންމާފައިވަނީ ރާއްޖެއަށް ޔޫކޭއިން އައިސްފައިވާ މީހުންނާ ކޮންޓެކްޓް ވެފައިހުރި މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިފައިވޭތޯ ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހެން މަބްރޫކް ވިދާޅުވެފައި ވާއިރު ރައީސް ނަޝީދު ވެސް މިބައްޔަށް ޓެސްޓު ކުރައްވާނަންތޯ 'ދަ ޕްރެސް' ގެ ނޫސްވެރިއާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެ މުއްދަތުގައި ރާއްޖެ އައި އެންމެން ޓެސްޓް ކުރާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޔޫކޭއަށް ޒިޔާރަތް ކުރެއްވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގަތީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ. އޭގެތެރޭގައި ތިން ދިވެހިން ހިމެނޭ އިރު، އެ ތިން ދިވެހިން ރާއްޖެއަށް އައިސްފައިވަނީ ޔޫކޭއިންނެވެ.