ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހަކު ހުރި ކަމަށް ބުނެ، ގ. އޮލިވާ ގްރީން މޮނިޓަރިންގެ ހާލަތައް ގެނެސް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ފުލުހުންނަށް އަންގާފައިވަނީ އޮޅުމަކުން ކަމަށް ހްލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، އޮލިވާ ގްރީން މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން، އާންމު ހާލަތަށް ބަދަލުކޮށްފައި ކަމަށެވެ. އެޗްޕީއޭން ބުނީ، އެގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ، ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އައިސޮލޭޓް ކޮށްފައިވާ ފަރާތެއް އެގޭގައި ހުރި ކަމަށް ބުނެ ލިބުނު މައުލޫމާތެއްގެ ސަބަބުން ކަމަށެވެ.

މިކަމާ ގުޅިގެން އެޗްޕީއޭން ވަނީ އެގޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ފަރާތުން މައާފަށް އެދިފައެވެ. އަދި އެޗްޕީއޭއަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ގ. އޮލިވާ ގްރީން މޮނިޓަރިންގެ ހާލަތަށް ގެނައި ކަމަށް ބުނާ ލިޔުން ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، އެ ލިޔުން ހިއްސާކޮށް ސޯޝަލްމީޑިއާގައި މީހަކު ވަނީ އެ ލިޔުމުގައި އެޗްޕީއޭއިން އެބުނާ މީހަކު އެގޭގައި ނެތް ކަމަށާއި، އެމީހަކު މިވަގުތު ހުރީ ރިސޯޓެއްގައި އެކަހެރި ކޮށްފައި ކަމަށް ބުނެފައެވެ. އަދި އޭނާ އެކަހެރިކޮށްފައި ވަނީ ސައިނަސް ރޯގާ ޖެހިގެން ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ޕޮޒިޓިވްވެ މިހާރު ރާއްޖޭގައި ކޮވިޑްގެ 18 ކޭހެއް މިވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.