ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައިގެ ނުރައްކާ އެންމެ ބޮޑު އެއް މަންޒިލް ކަމަށްވާ އިޓަލީވިލާތުން މި ބަލީގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި މުޅި އެގައުމުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ފުރަތަމަ ކޭސް ޕޮޒިޓިވްވެގެން ރިޕޯޓްކުރި ފަހުން މި ބަލީގައި 11591 މީހެއްގެ ފުރާނަ ގެއްލިފައިވާ އިޓަލީވިލާތުގެ ހުރިހާ ހިސާބެއްގައި ހަމަހިމޭން ކަމުގެ ސުކޫތު ގެނެސްފައިވާއިރު، އެގައުމުގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރާ ހުރިހާ ދިދަތަކެއްވެސް ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ގާތްގަނޑަކަށް 60 މިލިއަން މީހުންގެ އާބާދީއެއް އޮތް އިޓަލީވިލާތުން މަރުވި މީހުންގެ އަދަދަކީ، ކޮވިޑް-19ގެ ޝިކާރައަކަށްވެ، މުޅި ދުނިޔެއިން މަރުވެދިޔަ މީހުންގެ 3 ބައިކުޅަ 1 ބައިހާ މީހުންނެވެ.

މި ދަނޑިވަޅަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު 1 ކާރިސާއެއްގައި މިހާ ގިނައަދަދެއްގެ ބަޔަކު އެގައުމުން މަރުވެގެން އުޅޭ ދަނޑިވަޅުވެސްމެއެވެ.

އިޓަލީވިލާތު ގަޑިން މިއަދު މެންދުރު 12 ޖެހިއިރު ގެނައި ހަމަހިމޭން ކަމުގެ ސުކޫތަށް ފަހު ރޯމްގެ މޭޔާރު ވާޖިނިއާ ރާއްގީ ވިދާޅުވީ، ކޮވިޑް-19އަކީ މުޅި ގައުމަށް ވޭންދެނިވި އަނިޔާއެއް ކަމަށެވެ.

އިޓަލީވިލާތުން ކޮވިޑް-19އަށް އިންފެކްޓްވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާއިރު އިޓަލީވިލާތުގެ ސަރުކާރުން މިހާރުވެސް ދަނީ ހަރުކަށި ލޮކްޑައުންއެއްގެ އަމުރު ތަންފީޒު ކުރަމުންނެވެ.

މާލީ ގެއްލުންވެސް އިޓަލީވިލާތަށް އިންތިހާއެވެ. މުޅި ގައުމުހެން ހުއްޓުމަކަށް އައިސްފައިވާއިރު، ވިލާތުގެ އިއްތިހާދުގައި 3 ވަނަ އަށް އެންމެ ވަރުގަދަ އިގުތިސޯދުގެ ދަރަޖާގައި އޮތް އިޓަލީވިލާތުގެ ވިޔަފާރިތައްވެސް އޮތީ ހުއްޓުމެއްގައެވެ. އިޓަލީވިލާތުގެ ސަރުކާރުންވަނީ އަންނަ އޭޕްރިލް މަހުގެ މެދަކާ ޖެހެންދެން ލޮކްޑައުންގެ މުހުލަތު އޮންނާނެ ކަން އިއުލާންކޮށްފައެވެ. ފިހަރާތަކާ ރެސްޓޯރަންޓްތައްވެސް މޭމަހުގެ ކުރިން ހިންގަން ފަށާނެ ކަމަކަށް ނުބެލެވެއެވެ.