ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހަކު ހުރި ގެއެއް މޮނިޓަރިންގެ ހާލަތައް ގެނެސް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ފުލުހުންނަށް އަންގަވައިފިއެވެ.

ދައުރުވަމުންދާ ލިޔުމުގައި ބުނެފައިވަނީ މޮނިޓަރިންގެ ހާލަތަށް ގެންވިފައިވާ ގެއަކީ ގ.އޮލިވާ ގްރީން ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއެކުރައްވާ ކޮމިޝަނާ އޮފް ފޮލިސް މުހައްމަދު ހަމީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް "އަންމު ސިއްހަތުގެ ރައްކާތެރިވުމުގެ ގާނޫނު (7/2012) ގެ 08 ވަނަ މާއްދާގެ (ހ) ގެ ދަށުން "ގ.އޮލިވާ ގްރީން" ކޮވިޑް-19އަށް ޝައްކު ކުރެވޭ ފަރާތެއް ހުރުމާ ގުޅިގެން ސިއްހީ ގޮތުން އިތުރައް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން އެ ގެއަކީ އެ ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެއެއް ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ ފަރާތުން ކޮށްދޭނެ ޖެހޭ އެންމެހާ ކަންތަށްތަކެއް ކޮށްދިނުމަށްވެސް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.

"ދަ ޕްރެސް"އަށް ވަނީ އެ ސިޓީގެ ކޮޕީއެއް ލިބިފައެވެ.

މީގެ ކުރިން މާލެއިން ދެގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާކަމަށް ބުނެފައިވެއެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު، އެނބުރި ދިޔަ ފަހުން، ފުޓުބޯޅާ ކުޅުންތެރިޔާ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެ ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ތިބުމުން ކަމަށް ބުނެއެވެ. ނަމަވެސް މިހާރު އެ ދެ ގެވެސް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

ގ. އޮލިވާ ގްރީން މޮނިޓަރިންގެ ހާލަތަށް ގެނައި ކަމަށް ބުނާ ލިޔުން ދައުރުވަމުން ދާއިރު، އެ ލިޔުން ހިއްސާކޮށް ސޯޝަލްމީޑިއާގައި މީހަކު ލިޔެފައިވަނީ އެ ލިޔުމުގައި އެޗްޕީއޭއިން އެބުނާ މީހަކު އެގޭގައި ނެތް ކަމަށާއި، އެމީހަކު މިވަގުތު ހުރީ ރިސޯޓެއްގައި އެކަހެރި ކޮށްފައި ކަމަށެވެ. އަދި އޭނާ ހުރީ ސައިނަސް ރޯގާ ޖެހިފައި ކަމަށެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ޕޮޒިޓިވްވެ މިހާރު ރާއްޖޭގައި ކޮވިޑްގެ 18 ކޭހެއް މިވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ތިން ދިވެހިންނެވެ.