ފަހުގެ ތާރީހުގައި ދުށް އެންމެ ނާމާން ކާރިސާ މުޅި ދުނިޔެ ވަށާލާފައިވާ މި ދަނޑިވަޅަކީ، ލޯބިވާ ކިތަންމެ ބަޔަކު މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކުރަމުންދާ ވަގުތަށް ވަނީ ވެފައެވެ. ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ މަހުލޫގެއްގެ މުށު ތެރޭގައި މުޅި ދުނިޔެ އިނދެޖެހިފައި ވާއިރު، މި ވައިރަހުގެ ޝިކާރައަކަށްވެ މަރުވެދާ މީހުންގެ އަދަދުވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރު ވަމުންނެވެ. ހިތާމައަކީ، މި ބަލީގެ ޝިކާރައަކަށްވެ، އެބަލީގައި މަރުވެދާ މީހުން މި ދުނިޔެއަށް އެންމެ ފަހު ނޭވާ ލަނީވެސް އެކަނިމައި އެކަނި އޮވެ ކަމެވެ. އާއިލާގެ މެމްބަރުންނަށް އެންމެ ބޭނުންވާ ވަގުތު، އެމީހުންނަށް ތިބެން މަޖުބޫރުވެފައި ވަނީ އިންތިހާ ދުރުގައެވެ.

މި ދައްކަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވެދާ މީހުންގެ ވާހަކައެވެ. އެމީހުންގެ އާއިލާތަކުން އެ އުފުލާ ހިތްދަތިކަމަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ ހިތަށްވެސް ގެނެވޭނެ ވަރުގެ ވޭނެއް ނޫނެވެ. މިފަދަ އެކަކީ މިޝޭލް ބެނެޓްއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވި މަންމައަށް 'ވަދާއުގެ ސަލާމް' ކުރަން ލިބިދާނެ ކަމަށް އޭނާ ހުރީ އުއްމީދުކޮށްގެނެއް ނޫނެވެ.

އުމުރުން 75 އަހަރުގައި ކޮވިޑް-19ގެ ޝިކާރައަކަށްވި ކެރޮލާން ކްރިސްޓީން ގޭން އޮތް ތަނާ ގާތަށްވެސް އޭނާގެ ދަރިފުޅު މިޝޭލްއަށް ނާދެވޭނެ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅީ، ކޮވިޑް-19ގެ ޕްރޮޓޮކޯލްއާ އެއްގޮތަށެވެ. މި ބައްޔަކީ ދޮށީ އުމުރުގެ މީހުންނަށް އިންތިހާ ނުރައްކާ ބައްޔެއް ކަމުން، މިއީ އޭނާގެ ހަޔާތުގެ ފަހު ދުވަސްތައްކަމަށް ދެމައިންނަށްވެސް ގަބޫލުކުރެވެމުން ދިޔަ ފަދައެވެ.

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިއަރުގައި ހުރި އަސްކަރީ މެމްބަރެއް/ފޮޓޯ: ގެޓީއިމޭޖަޒް

"ހަދާނެ ގޮތް ހަމަ ހުސްވޭ. މަންމަ ގާތުގަ، މަންމަ އަތުގަ ހިފާލައިގެން އިންނަން ބޭނުންވި. މަންމަގެ ބޮލުގައި ފިރުމާލަދޭން ބޭނުންވި. މަންމަ ގާތު ކިތަންމެ ވާހަކައެއް ބުނަން ބޭނުންވި. އެކަމަކު ކުރެވޭނެ އެއްކަމެއްވެސް ނެތް. އެންމެ ހިތްދަތިވީ، ބަލީގެ ޝިކާރައަކަށްވެ، ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދިޔައިރު މަންމަގެ ހޭވެސް ނެތީމަ" މިޝޭލް ކިޔައިދޭން ފެށިއެވެ.

މި މަންޒަރު ބަލަން ކެތް ނުކުރެވުނު އެކަކީ ވޮޝިންގްޓަންގެ ސްވީޑިޝް އިސާގުއާ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެކެވެ. މިޝޭލްއަށް އޭނާގެ މަންމައާއި 'ވަދާއީ ސަލާމް' ކޮށްލުމުގެ ފުރުސަތު ހޯދާ ދިނުމަށް މަސައްކަތް ކުރީ އެ ނަރުހެވެ. މިޝޭލް ބުނީ، އޭނާއަށް ފޯނު ކުރީ ސީދާ ނަރުސް ކުއްޖާގެ އަމިއްލަ ސެލް ފޯނުން ކަމަށެވެ. ފޯނު ކުރުމަށްފަހު، މަންމަގެ ނޭވާލުމަށް ބަދަލު އަންނަމުންދާ ކަމަށާ، މަންމައަށް މާގިނަ ވަގުތެއް ދެން ނެތްކަމަށް ބުނި ކަމަށްވެސް މިޝޭލް ބުންޏެވެ.

"އަހަރެން މި ފޯނު މަންމަގެ މޫނާ ކައިރިކޮށްދޭނަން. މަންމަ ދެކެ ލޯބިވާވާ ވާހަކަބުނެ، މަންމައާ ވަދާއީ ސަލާމްކޮށްލާ. މަންމަ އެކަންޏެއް ނުވާނެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަންމަ ގާތުގަ އަހަރަމެން ތިބޭނަން" ނަރުސް ކުއްޖާ ބުނި ގޮތަށް މިޝޭލް ކިޔައިދިނެވެ.

ކޮވިޑް-19ގައި އީރާނުން މަރުވި މީހެއްގެ ގަބުރު އުފުލަނީ/ފޮޓޯ: އިބްރާހީމް ނުރޫޒީ

އޭގެ 10 ވަރަކަށް މިނެޓް ފަހެވެ. މިޝޭލް ދިޔައީ ފޭސްޓައިމް މެދުވެރިކޮށް، އޭނާގެ މަންމައާ މުހާތަބު ކޮށް، ހިތުގައި ހުރި ހުރިހާ ވާހަކައެއް ކިޔައިދެމުންނެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އެދެމައިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް އުފެދުނު ކަމަށާ، މަންމައަށް މައާފުކުރި ކަމުގެ ވާހަކަ އޭރުވެސް އޮތީ މަންމަ ގާތު ނުބުނެވިކަމަށް މިޝޭލް ބުންޏެވެ.

"މަންމަ ދެކެ ލޯބިވާ ވާހަކަ ބުނެދިނިން. ހިނގާދިޔަ ކަންތަކަށް މަންމައަށް މައާފުކުރި ވާހަކަ ބުނިން" މިޝޭލްގެ މަންމައާއި ދެއްކި އެންމެ ފަހުގެ ވާހަކަ މާ ބޮޑު ތަފްސީލަކާ ނުލާ ކިޔައިދިނެވެ.

މިޝޭލްގެ މަންމަ މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލީ މި ވާހަކަތައް ދެކެވުނުތާ ގަޑީއެއްހާއިރު ފަހުންނެވެ. އެންމެ ފަހުވަގުތުކޮޅު މަންމައާއި ބައްދަލުވި ނަމަވެސް، ކޮވިޑް-19ގައި އާއިލާ މެމްބަރުންނާ އަބަދުގެ އަބަދަށް ވަކިވާ ހުރިހާ އެންމެނަށް މި ނަސީބެއް ނުލިބެއެވެ.