ކޮވިޑް-19 އާ ގުޅިގެން ގދ.ތިނަދޫގެ މަގުތައް ވެސް ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ރަށުގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ތިނަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިއަދު ތިނަދޫގެ މަގުތަކާއި ބަނދަރު ސަރަހައްދު ޑިސްއިންފެކްޓް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ތިނަދޫގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، ވޭތިވެދިޔަ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީގެ މަގުތަކާއި މާލެ ސިޓީގެ މަގުތަކާއި ހުޅުމާލެ އާއި ވިލިމާލޭގެ މަގުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތަކާއި ގިނަ ސަރަހައްދުތަކެއް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.
ސަރުކާރުން ދަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 18 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.