ރާއްޖެއިން ތިން ވަނަ ދިވެެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ ރާއްޖެއިން ޕޮޒިޓިވްވި ތިންވަނަ މީހާ އަކީވެސް އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށެވެ. އަދި އެއީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކޮވިޑް-19 ގެ އަލާމަތްތައް ފެނި، ކަރަންޓީނު ކޮށްފައިވާ ދިވެއްސެއް ކަމަށެވެ.
ޔޫކޭއިން އައި އިތުރު ދިވެއްސަކު ޕޮޒިޓިވް ވެފައި ވާއިރު، މިދިޔަ އާދިއްތަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެއްސަކީވެސް ޔޫކޭއިން ރާއްޖެ އައުމަށް ފަހު ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. މިމަހުގެ 22 ވަނަ ދުވަހު ޔޫކޭއިން ރާއްޖެއަށް ދަތުރުކުރި، 38 އަހަރުގެ ދިވެއްސަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިިވްކަން އެނގިފައި ވަނީ، މިމަހު 22 ވަނަ ދުވަހު ރާއްޖެ އައިސް، ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ވަނިކޮށް 25 ވަނަ ދުވަހު ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ.
އިތުރު ދިވެއްސަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާރު ރާއްޖޭގައި ކޮވިޑްގެ 18 ކޭހެއް މިވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ތިން ދިވެހިންނެވެ.