ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ކަނޑައެޅިގެން ފަރުވާއެއް ހޯދިފައި ނުވާއިރު، މި ބައްޔަށް ފަރުވާ ކުރަމުންދަނީ ބަލިޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 165659 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވި ނަމަވެސް، 37820 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ބަލީގައި މީހުން މަރުވި ގައުމުތަކަށް ބަލާއިރު، އެންމެ ގިނައީ ވިލާތުގެ ގައުމުތަކެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 11591 އަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް 812 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 101739 އެވެ. އިޓަލީވިލާތުން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓްކުރީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

އިޓަލީވިލާތަށްފަހު މި ލިސްޓުގައި ދެން އޮތީ ސްޕެއިންއެވެ. ސްޕެއިން މަރުވި މީހުންގެ އަދަދު 7716 އަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް 900އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ސްޕެއިންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 87956 އެވެ. ސްޕެއިންއިން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓްކުރީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ސްޕެއިންއަށްފަހު ކޮވިޑް-19ގައި އެންމެ ގިނަ ބަޔަކު ދެން މަރުވީ ޗައިނާއިންނެވެ. ޗައިނާއިން މިއަދުވެސް 5 މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިއާއެކު ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 3305 އަށް އަރާފައެވެ. ޗައިނާއަކީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ގައުމެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެންމެ ގިނަ ގައުމުކަމަށްވާ އެމެރިކާ އޮތީ މަރުވި މީހުންގެ ލިސްޓުގެ 4 ވަނާގައެވެ. އެމެރިކާއިން މިއަދުގެ މިހާތަނަށް 11 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އިއްޔެ ވަނީ 573 މަރެއް ރިޕޯޓްކޮށްފައެވެ. އެމެރިކާއިން ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 3167 އަށް އަރާފައެވެ. އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 164253 ގައެވެ. އެމެރިކާއިން އެންމެ ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭހެއް ރިޕޯޓްކުރީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގައި 5 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ ފަރަންސޭސިވިލާތުންނެވެ. އެގައުމުން 44550 މީހަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 3024 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލުމާތު ލިބެއެވެ. ފަރަންސޭސިވިލާތުން މި ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ރިޕޯޓްކުރީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން މިހާރު ވަނީ ކޮވިޑް-19އަށް ފަރުވާގެ ގޮތުގައި ކަނޑައަޅާ ޑްރަގްތަކެއް ދެނެގަތުމުގެ އަމަލީ ދިރާސާތައް ފަށާފައެވެ. މިމަސައްކަތް ފަށާފައިވަނީ ނޯވޭގައެވެ.