މިދިޔަ އަހަރުގެ ފަހުކޮޅު މުޅިން އަލަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން، އެ ބަލީގައި މަރުވެދަނީ ކިހާ މީހުންނެއް ހެއްޔެވެ؟ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އާންމުކުރި ދިރާސާއިން ލިބެން އޮތް ޖަވާބުގައި ދަންނަވަންޖެހެނީ، ކުރިން ރެކޯޑް ކޮށްފައިވާ މިންވަރަށް ވުރެ، މި އަދަދު ދަށްވެފައި ވާކަމަށެވެ. ނަމަވެސް ފްލޫއަށް ޕޮޒިޓިވްވާ މީހުން މަރުވާ ނިސްބަތަށް ވުރެ އެތައް ގުނައެއް އިތުރެވެ.
ސިއްހީ ލިޔެކިއުންތަކަށް ހާއްސަކޮށްގެން ހިންގަމުން އަންނަ ދަ ލޭންސެޓް އިންފެޝަން ޑިޒީޒަސް ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާއަށް ބަލާއިރު، ކޮވިޑް-19ގެ ޝިކާރަކަށްވާ މީހުންގެ ތެރެއިން މި ދުނިޔެއާއި ވަކިވަނީ ގާތްގަނޑަކަށް 0.66 ޕަސެންޓް މީހުންނެވެ.
މިފަހަރުގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވަނީ ކޮވިޑް-19ގެ ކޭސްތަކުގައި ހިމެނޭ ކިރިއާ އާލާމާތްތައް ފެންނަ ކޭސްތައްވެސް ހިމަނައިގެންނެވެ. މި ފަދަ ކޭސްތަކަކީ ގިނަ ފަހަރަށް ތަފާސް ހިސާބުތަކުގައި ނުހިމަނާ އަދަދުތަކެކެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވާ ޖުމުލަ މީހުންގެ ތެރެއިން 0.66 ޕަސެންޓް މީހުން މަރުވާކަމަށް ދިރާސާގެ ރެކޯޑްތަކުން ދައްކާއިރު، ފްލޫއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މަރުވަނީ ގާތްގަނޑަކަށް 0.1 ޕަސެންޓް މީހުން ކަން ފާހަގަކުރަންޖެހެއެވެ.
ކޮވިޑް-19ގެ ޑިޓެކްޓް ނުކުރެވި ހުރި ކޭސްތައް ނުހިމަނާ މި ހިސާބުތައް ޖަހައިފިނަ، މި ބަލީގައި މީހުން މަރުވާ ނިސްބަތް އުޅެނީ 1.38 ޕަސެންޓްގައެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާތަކުންވެސް މިކަން ދައްކަނީ ދާދި މިފަދަ ގޮތަކަށެވެ. އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓާ ޑރ އެންތަނީ ފޯޗީވެސް މިމަހު ކުރީކޮޅު ވިދާޅުވީ ކޮވިޑް-19ގެ ޑެތް ރޭޓް ނުވަތަ ބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 2 ޕަސެންޓް ކަމަށެވެ.
ކަންމިހެން އޮތް ނަމަވެސް، އެސިމްޓޮމެޓިކް ނުވަތަ ވައިރަހުގެ އަސަރުހުރި އެހެންނަމަވެސް އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ އަދަދުތައް ހިމަނައިފިނަމަ، މި އަދަދަށް ބޮޑު ބަދަލެއް އަންނާނެކަން ޑރ ފޯޗީވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދަ ލޭންސެޓްގައި އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓް އެކުލަވާލުމުގައި ހަރަކާތްތެރިވި ދިރާސާ ޓީމުންވަނީ، މި އިންފެކްޝަންގައި މީހުން މަރުވާ "ހަގީގީ" ނިސްބަތް ދެނެގަތުމަށް އަންދާޒީ ހިސާބުތަކެއް ޖަހާފައެވެ. އެހެން އިބާރަތަކުން ދަންނަވަނީނަމަ، މަރުވަނީ ކިހާ މީހުންނެއްތޯ ވަޒަން ކޮށްފައިވަނީ، ހަމައެކަނި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރި މީހުންގެ އިތުރުން ވައިރަހަށް އިންފެކްޓްވި ހުރިހާ އެންމެންގެ އަދަދުތައް ޖަހައިގެންނެވެ.
މިއަދަދުތައް ދެނެގެންފައިވަނީ، ބަލީގެ ކޭސްތައް ފުރަތަމަ ފެންނަން ފެށީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ބިދޭސީން އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމުން، އެމީހުންގެ މެދުގައި ބަލިމަޑުކަން ފެތުރިގެން ދިޔަ ގޮސް ދިރާސާކޮށްގެންނެވެ.
މި ދިރާސާ ބުނާ ގޮތުގައި ވޫހާންއިން އިވަކުއޭޓްކުރެވުނު މީހުންގެ ޕީސީއާރް ޓެސްޓުތަކެއް ވަނީ ހާދާފައެވެ. އެއީ ބޭރުފުށުން އަލާމާތްތައް ނުފެނުނު ކަމުގައި ވީ ނަމަވެސް، ހަށިގަނޑުގައި ވައިރަސް ހުރިތޯ ނުވަތަ ނޫންކަން ބަޔާންކޮށްދޭ ޓެސްޓްއެކެވެ.
މިފަދަ މައުލޫމާތުތަކެއް އެއްކޮށްގެން ހެދި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކޮވިޑް-19އަށް ޕޮޒިޓިވްވާ ދޮށީ އުމުރުގެ މީހުން މަރުވާ ނިސްބަތް އިތުރު ކަމަށް ދައްކައެވެ. އެގޮތުން އުމުރުން 80 އަހަރުން މައްޗަށް ގޮސްފައިވާ ޕޭޝަންޓުންގެ 7.8 ޕަސެންޓް މީހުން މި ބަލީގައި މަރުވެދާ ކަމަށް މިދިރާސާ ބުނެއެވެ. އުމުރުން 9 އަހަރުން ދަށުގެ ކުދިން މި ބަލީގައި މަރުވެދާކަމަށް ލަފާކޮށްފައިވަނީ އިންތިހާ ދަށް ނިސްބަތަކުންނެވެ. އެގޮތުން 9 އަހަރުން ދަށުގެ ޕޭޝަންޓުންގެ ތެރެއިން މި ބަލީގައި މަރުވާ ކަމަށް ބުނަނީ 0.00161 ޕަސެންޓް ޕޭޝަންޓުންކަން ފާހަގަކުރަންޖެހެއެވެ.
40 އަހަރުން ދަށުގެ އުމުރުފުރާއަށް ބަލާއިރު މި ބަލީގައި މީހުން މަރުވާ ނިސްބަތް 0.16 ޕަސެންޓްއަށްވުރެ އިތުރުވެފައެއް ނުވެއެވެ.
މި ދިރާސާގެ އެއް މުސައްނިފު އަދި އިމްޕީރިއަލް ކޮލެޖު ލަންޑަންޑްގެ ޕްރޮފެސަރެއް ކަމަށްވާ އަޒްރާ ޣަނީ ވިދާޅުވީ، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުންގެ ނިސްބަތް ބޮޑީ، އުމުރުން 50 އަހަރުން މައްޗަށް ދިއުމުން ކަމަށް ދިރާސާއިން ދައްކާފައިވާކަމަށެވެ. އަދި މީގެ ގިނަ ކޭސްތަކަކީ ފުރާނައަށް ނުރައްކާ ކޭސްތަކެއްކަންވެސް ޕްރޮފެސާ އަޒްރާ ޣަނީ ވަނީ ފާހަގަކުރައްވާފައެވެ.
މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ ޗައިނާއާއި ޗައިނާއިން ބޭރުން ފެންމަތިވި ކޮވިޑް-19ގެ ކޭސްތަކާ، ޖަޕާނުގައި ބަނދަރުކޮށްފައިވާ ޑައިމަންޑް ޕްރިންސަސް ކުރޫޒްލައިނާއިން ފެންމަތިވި ކޭސްތަކަށްވެސް ރިއާޔަތްކޮށްގެންނެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ އެހެން ކަންކަމަށް ބަލާއިރު، މި ބަލިން މުޅިން ފަސޭހަ ވުމަށް ހަފުތާތަކެއް ނެގުން އެކަށީގެންވެއެވެ. މިއާއެކު ސިއްހީ ފަރުވާގެ ނިޒާމު ތަދު ބޭހަކަށްވެދާކަމަށް ބަޔާންކޮށްފައިވެއެވެ. ބަލީގެ އަލާމާތްތައް ފުރަތަމަ ފެންނަ ހިސާބުން ފެށިގެން ފަރުވާއިން މުޅިން ރަނގަޅުވުމާ ހަމައަށް ގާތްގަނޑަކަށް 25 ދުވަހުގެ މުއްދަތެއް ހޭދަވާކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. މި ބަލީގައި މަރުވި މީހުންނަށް ބަލާއިރު، މި ދުނިޔެއާ އެމީހުން ވަކިވެގެން ގޮސްފައިވަނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ 18 ވަރަކަށް ދުވަސް ފަހުން ކަމަށްވެސް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.
މި ދިރާސާއާއިއެކު އާންމުކޮށްފައިވާ ލިޔުމެއްގައި، ޔުނިވާސިޓީ އޮފް މައޭމީގެ ހިސާބު ޕްރޮފެސަރެއް ކަމަށްވާ ޝީގުއީ ރުއާން ވިދާޅުވީ، ވަގުތުން ވަގުތަށް ލިބެމުންދާ ތަފާސް ހިސާބުތަކަށް ބަލައިގެން، ކޮވިޑް-19ގައި މީހުން މަރުވާ ނިސްބަތް ދެނެގަނެ ރެކޯޑްތަކެއް އެކުލަވާލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.
ނަމަވެސް ބަލިމަޑުކަމެއްގައި މީހުން މަރުވާ ނިސްބަތް ދެނެގަނެވުމަކީ މިފަދަ ކަމެއްގައި ސަރުކާރުތަކާ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވީ ގޮތް ބަޔާންކޮށްދިނުމަށް ލިބޭ އެހީއެއްކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19ގެ ނުރައްކާ ޒުވާނުންނަށް ކުޑަ ނަމަވެސް، އެއީ ފްލޫ ރޯގާއެއް ކަމަށް ބައެއް މީހުންނަށް ހީވާ ހީވުމަކީ ކުށް ހީއެއްކަމަށްވެސް ޕްރޮފެސާ ރުއާން ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން މި ބަލި ވަނީ ފެނިފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 785777 އަށް އަރާފައިވާއިރު، 165607 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. 29488 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކާއިރު، މި ބަލީގައި މިހާތަނަށް 37815 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.