ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ އެމެރިކާއިން ބަލީގައި މަރުވި މީހުންގެ އަދަދު، 3164 އަށް އަރައިފިއެވެ.

އިއްޔެ 573 މީހަކު މަރުވިއިރު، މިއަދުގެ މިހާ ހިސާބަށްވެސް ކޮވިޑް-19ގެ ޝިކާރައަކަށްވެ، 3 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 164248 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް 20353 މީހަކު ޕޮޒިޓިވްވިއިރު، މިއަދުގެ މިހާ ހިސާބަށްވެސް 404 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ހުރިހާ ސަރަހައްދަކުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، މީހަކު މަރުވެގެން ރިޕޯޓް ނުކުރަނީ ހަވާއީ އަދި ވިޔޯމިންގްއިން އެކަންޏެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި ބަލީގައި އެމެރިކާއިން ލައެއްކައެއްހާ މީހުން މަރުވުމުގެ ފުރުސަތު އެބައޮތްކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.