ކޮވިޑް-19އާ ގުޅިގެން ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އެންގި އެންގުމަށް އިސްލާހުތަކެއް ގެެނެސް، އިސްތިސްނާ ހާލަތްތަކުގައި ދަތުރުކުރެވޭނެހެން ހަދައިފިއެވެ.
އެޗްޕީއޭއިން މީގެ ކުރިން ވަނީ ރިސޯޓުތަކާއި ސަފާރީތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާފައެވެ. އަދި ރަށްރަށުން ރިސޯޓުތަކާއި ސަފާރީތަކަށް ދަތުރުކުރުން ހުއްޓާލުމާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް ވެސް އެޗްޕީއޭން ވަނީ އަންގާފައެވެ.
މި އެންގުމަށް އިސްލާހު ގެނެސް، އެޗްޕީއޭން ވަނީ ވަކި ހާލަތްތަކެއްގައި މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އަންގާފައެވެ. އެ ހާލަތްތަކުގެ ތެރޭގައި:
- ރިސޯޓުތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ނުވަތަ ސަފާރީއަށް ދިއުން
- ފަތުރުވެރިން ރާއްޖެއިން ފުރުވުމަށްޓަކައި އެއާޕޯޓަށް ދިއުން
- ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއާޕޯޓަށް ދިއުން (މިފަދަ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިސޯޓަށް ނުވަތަ ސަފާރީއަށެވެ. އަދި އެ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މައުލޫމަތު ރިސޯޓުތަކުންނާއި ސަފާރީތަކުން ބަލަހައްޓަން ވާނެއެވެ.)
- ރިސޯޓުތަކާ ސަފާރީތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓުތަކަށް ނުވަތަ ސަފާރީތަކަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ނުވަތަ ސަފާރީއާ ހިސާބަށް ދިއުން (މިފަދަ ފަރާތްތައް ރިސޯޓަށް ފައިބާފައިވާނަމަ، ނުވަތަ ސަފާރީއަށް އަރައިފައިވާނަމަ، އެ ފަރާތްތަކަށް ރިސޯޓުން ނުވަތަ ސަފާރީން ފޭބުމުގެ ހުއްދައެއް ނޯންނާނެއެވެ.)
ރިސޯޓުތަކާ ސަފާރީތަކުން ދަތުރުކުރުމުގެ އިސްތިސްނާ ހާލަތްތައް
- ރިސޯޓުގައި ފަތުރުވެރިން ތިބިނަމަ، ރިސޯޓުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީނުގައި މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފައި ފުރޭނެއެވެ. އަދި މިހާލަތުގައި މީހުންނަށް ފޭބޭނީ އެގްޒިޓް ސްކްރީނިން ހެދުމަށްފަހު، ކޮވިޑް-19 އަށް ޓެސްޓުކޮށް ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.
- އެ ރިސޯޓުގައި ފަތުރުވެރިން ތިބިނަމަ، އެ ރިސޯޓަށް އެންމެފަހު ފަތުރުވެރިޔާ ދިޔަ ފަހުން މަދުވެގެން 14 ދުވަސް ވާން ޖެހެއެވެ. މި ހާލަތުގައި އެ ރިސޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެގެން ނުވާނެއެވެ.
- އެ ރިސޯޓުން އެންމެފަހު ފަތުރުވެރިޔާ ފޭބިފަހުން މަދުވެގެން 14 ދުވަސް ވާންޖެހޭނެއެެވެ. މި ހާލަތުގައި ވެސް އެ ރިސޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެގެން ނުވާނެއެވެ.
އެޗްޕީއޭން ބުނީ ސަފާރީތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނަށް ސަފާރީން ފޭބޭނީ ސަފާރީން އެންމެފަހު ފަތުރުވެރިޔާ ފާބާފަހުން މަދުވެގެން 14 ދުވަސްވެފައިވާ ނަމައެވެ. އެ އެޖެންސީން ބުނީ، މި ހާލަތުގައި ވެސް އެ ރިސޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެގެން ނުވާނެއެވެ.
އެޗްޕީއޭން ބުނީ، މި ހާލަތްތަކުގައި ރިސޯޓުން ނުވަތަ ސަފާރީން ފޭބޭނީ އެޗްޕީއޭއަށް ބޭނުންވާ މައުލޫމާތުތައް ހުށަހެޅުމާއެކު ރިސޯޓުން ނުވަތަ ސަފާރީން ފޭބުމުގެ ހުއްދަ ދިނުމުން ކަމަށެވެ.