ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިނަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، މިހާރު އެ މައްސަލަ ހައްލުވެއްޖެއެވެ.

އެޗްޕީއޭން މިރޭ ކުރި ޓްވީޓޭއްގައި ބުނީ، އެ އެޖެންސީގެ ހޮޓްލައިން އޮޕަރޭޝަނަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މައްސަލަ ހައްލުވުމާއެކު، ހޮޓްލައިނަށް ގުޅޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އެޗްޕީއޭން ވަނީ، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އިންތިހާއަށް މައާފަށް އެދިފައެވެ. އެޗްޕީއޭން ވަނީ މިހަރު މި މައްސަލަ ހައްލުވެފައިވާކަމަށް ބުނެ ވެސް ޓްވީޓެއް ކޮށްފައެވެ.

އެޗްޕީއޭގައި ގާއިމްކޮށްފައިވާ ހޮޓްލައިނަކީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ހޮޓްލައިނެކެވެ. 1676 ހޮޓްލައިނަކީ، ކޮވިޑް-19އާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށާއި، މައްސަލަތައް ރިޕޯޓް ކުރުމަށް އެކުލަވާލާފައިވާ ހޮޓްލައިނެކެވެ. އެގޮތުން މި ހޮޓްލައިނަށް ވަނީ 14000 އަށް ވުރެ ގިނަ ކޯލް ލިބިފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 17 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.

މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ ދެ ދިވެއްސަކަށެވެ.