އަދިވެސް ދޭން އޮތް އިރުޝާދަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލި މީހެއް ނުވަތަ އެފަދަ މީހަކަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކު ނޫނީވިއްޔާ މާސްކު ނޭޅުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

ސްވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓާ އޮފް ހެލްތް އެމާޖެންސީސް ޕްރޮގްރާމް ޑރ މައިކް ރާޔަން ވިދާޅުވީ، ގައުމެއްގެ އާބާދީ އޮތް ގޮތަށް މާސްކު އެޅުމުން ވަކި އިތުރު ފައިދާއެއް ވާ ކަމުގެ ސާބިތު ހެތްކެއް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް ހެކި ލިބެނީ މިއާ ދިމާ އިދިކޮޅުން ކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެކަށީގެންވާ މިންގަނޑުތަކާ އުސޫލުތަކާ ހިލާފަށް މާސްކު ބޭނުން ކުރުމުން ގެއްލުންވާކަމުގެ ހެކި އެބަހުރިކަން ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ކާރުހާނާއެއްގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތު ނިކުތުމުގެ ކުރިން ކޮވިޑް-19އިން ދިފާއުވުމަށް މާސްކު އަޅަނީ/ފޮޓޯ: އައިއޭއެންއެސް

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޑރ ރާޔަން ވިދާޅުވީ މިހާރު އިތުރު މައްސަލައެއްވެސް ކުރިމަތިވެފައިވާކަމަށާ، މުޅި ދުނިޔެއިންވެސް މާސްކު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެންމެ ނުރައްކާ ބޮޑީ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ސިއްހީ އެހީތެރިންނާ ހިދުމަތްތެރިންނަށް ކަމަށާ، އެ ފަދަ މީހުންނަށް އެކަށީގެންވާ މިންވަރަށް މާސްކެއް ނެތުމީ ބިރުހުރި ކަމެއް ކަމަށް ޑރ ރާޔަން ވަނީ ސިފަކުރައްވާފައެވެ.

ޑަބްލިއު.އެޗް.އޯގެ އިންފެކްޝަސް ޑިޒީޒް އެޕިޑޮމޮލޮޖިސްޓް ޑރ މާރިޔާ ވާން ކެރްކޯވްފް ވިދާޅުވީ، މާސްކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މީހުންނަށް އިސްކަން ދީގެން މާސްކު ބޭނުންކުރަންޖެހޭ ކަމަށެވެ.

މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ކަންމިހެން އޮތްއިރު ބައެއް ގައުމުތަކުން ދަނީ އާންމު ދިރިއުޅުމުގަޔާ، ވަކި ހާއްސަ ތަންތަނަށް ދާއިރު މާސްކުއެޅުން މަޖުބޫރުކުރުވަމުންނެވެ. އަދި މިމަންޒަރުތައް ފެނި، އެހެން ގައުމުތަކުގައި ދިރިއުޅޭ އާންމުންވެސް ދަނީ މާސްކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.