ވިލާތު ބައްރުގައި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑު ވެފައިވާ އިޓަލީވިލާތުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 101739 އަށް އަރާފައިވާކަމަށް އެގައުމުގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ.

އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާކަމަށް ދައްކަނީ މި ބަލީގައި މަރުވެ ގޮސްފައިވާ މީހުންނާ، ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންގެ އަދަދުތައްވެސް ހިމަނައިގެންނެވެ.

އިޓަލީވިލާތުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު އެކަނިވެސް 4050 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދަދު ދަށަށް ދާން ފަށާފައިވާތާ މިއަދަށް މިއީ 5 ވަނަ ދުވަހެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން 14620 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި 75528 ކޭހެއް ރެކޯޑްކޮށްފައިވާއިރު، 3981 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ.

މިއަދު 812 މީހެއްގެ ފުރާނަ ގެއްލުނުއިރު، އިޓަލީވިލާތުން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 11591 އަށް އަރަފައެވެ.

އިޓަލީވިލާތުން ކޮވިޑް-19ގެ ކޭހެއް ޕޮޒިޓިވްވެގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ.