ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތަކަށް ހިންގައްޖެ ނަމަ، އެމީހުން ރާއްޖެއަށް ގެންނާނެ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ދިވެހިންތަކަކަށް ކާބޯތަކެތީގެ ދަތިކަން ޖެހި، ކާބޯތަކެތި ނުލިބޭ ފަދަ ހާލަތަށް ގޮސްފި ނަމަ، ނުވަތަ އެ ދިވެހިންގެ ސަލާމަތަށް ނުރައްކާތެރިކަން ދިމާވާފަދަ ހާލަތަށް ގޮސްފި ނަމަ އެ ބަޔަކު ރާއްޖެއަށް ގެންނާނަން ކަމަށެވެ.
މި ވަގުތު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރަޖިސްޓާ ކޮށްފައިވަނީ ޖުމްލަ 8058 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެެތެރެއިން ބައެއް ދިވެހިން މިހާރު ރާއްޖެއަށް އައިސްފައިވާ ކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، މި ވަގުތު ރަޖިސްޓާ ވީ ދިވެހިންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިބީ 7501 މީހަކު ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެއަށް އަންނަމުން ދާއިރު މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޕިލިޕީންސްގައި ތިބި 63 ދިވެއްސަކު ވަނީ ރާއްޖެއަށް އައިސްފައެވެ.
ނޭޕާލުގައި ތިބި 17 ދިވެހި ދަރިވަރުން އަދިވެސް ތިބީ ރާއްޖެއަށް ނާދެވިފައި ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ލިބެއެވެ. އެ 17 ދަރިވަރުންގެ ތެރެއިން 14 ދަރިވަރުން އެއް ހޮޓަލެއްގައި ތިބި އިރު 3 ދަރިވަރުން ތިބީ އެ ހޮޓަލާ މާދުރު ނޫން ހިސާބެއްގައި ހުރި ހޮޓަލެއްގައެވެ. މެލޭޝިއާ ލޮކްޑައުންގެ ހާލަތަށް ދިއުމުން އެ ދިވެހިން ތިބީ ކާބޯ ތަކެތި ހޯދުމަށް ބޭރަށް ނުނިކުމެވިފައެވެ. ރާއްޖެއަށް އައުމަށް ބޭނުންވެފައި ތިބި އެ 17 ދަރުވަރުން ކަތަމަންޑޫގައި ހޮޓަލެއްގައި މަޑުކޮށްގެން އެ ތިބީ ރާއްޖެއަށް އެކުދިން ގެންދިއުމަށް ފްލައިޓެއް ހަމަޖެހޭނެ ކަމުގެ އުންމީދުގައި އެއާޕޯޓާ މާ ދުރު ނޫން ސަރަހައްދެއްގައި ކަމަށް އެ ކުދިން ބުނެއެވެ.
ހަމައެއާއެކު އަވަށްޓެރި އިިންޑިއާ ލޮކްޑައުންއަކަށް ގޮސްފައިވާ އިރު އެ ގައުމަކީވެސް އެތައް ދިވެހިންތަކެއް ދިރިއުޅެމުންއަނަން ގައުމެކެވެ. ބޭސްފަރުވާއަށާއި ތައުލީމް ހާސިލް ކުރުމަށް އެތައް ދިވެހިންތަކެއް ގޮސް އުޅޭ ގައުމެކެވެ.
މީގެ އިތުރުން އަވަށްޓެރި ސްރީލަންކާގައި ކާފިއު އިއުލާން ކުރުމާ ގުޅިގެން ކެއުން ބުއިމުގެ ސާމާނުތައް ލިބުމުގެ ދަތިކަން ބައެއް ދިވެހިންނަށް ދިމާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން އަންނަ އާދީއްތަ ދުވަހު ހަމަޖައްސާ ފްލައިޓުގައި ލަންކާގައި ތިބި އާއިލާ މެންބަރުންނަށް ފޮނުވަން ބޭނުންވާ ކެއާ ޕެކޭޖުތައް ފޮނެވޭނެ އިންތިޒާމް ތަކެއް ރާވަމުން ގެންދާ ކަމަށް މަބްރޫކް ވަނި މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެގޮތުން އެ އިންތިޒާްމް ހަމަޖައްސާފައި ވަނީ މޯލްޑިވިއަންގެ ކާގޯ ފްލައިޓުންނެވެ.
މޯލްޑިވިއަންގެ ކާގޯ ފްލައިޓަކީ ރާއްޖެއަށް ބޭނުންވާ މުދާ އުފުލުމުގެ ގޮތުން އެކުންފުނިން ބޭނުންކުރާ ފްލައިޓެވެ. އެ ފްލައިޓުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ މުދާ ފަދަ ތަކެތި އުފުލައިދެއެވެ. އިއްޔެވެސް އެ ކުންފުނީގެ ކާގޯ ބޯޓުން ވަނީ 10 ޓަނުގެ މުދާ ލަންކާއިން ހިފައިގެން ރާއްޖެ އައިސްފައެވެ. އެ ކުންފުނީގެ ކާގޯ ފްލައިޓު ލަންކާގެ އިތުރުން އިތުރު ހަތަރު ސަރަހައްދަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.