ރާއްޖޭގައި ދޭ މުވާސަލާތީ ހިދުމަތް ތަކަށް އަންމަ ބަދަލު މާދަމާ އެނގޭނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައިވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތްތަކުގެ އަގު ކުޑަވެ، އަދި އިންޓަނެޓުގެ ސްޕީޑު ރަނގަޅު ނުވުމުގެ ޝަކުވާ އާންމުން ކުރަމުން ގެންދާތީ، އެ ހިދުމަތްތަކަށް ގެނެވޭ ހެޔޮ ބަދަލު އިއުލާނު ކުރައްވާނެ ކަން ހާމަ ކުރައްވަމުންނެވެ.
މަބްރޫކު ވިދާޅުވީ، މާދަމާ އެ ބަދަލުތައް އިއުލާނު ކުރި ނަމަވެސް އެ ބަދަލުތައް ތަންފީޒުވާން ފަށަނީ އެޕްރީލް 1 އިން ފެށިގެން ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އިންޓަނެޓްގެ އަގުތަކަށް ގެން ބަދަލުތަކަކީ ކޮބާކަން ޓެލެކޮމް ކުންފުނިތަކުން މާދަމައާ އަނެއްދުވަހު އެކުންފުނިތަކުން ބާއްވާ ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ހާމަ ކުރާނެ ކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަަތަށް ދައްކަން ޖެހޭ ފައިސާގެ އަގަށް ލުޔެއް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ދަނޑިވަޅުގައި ރާއްޖޭގައި ގިނަ ބަޔަކު ވަނީ ގޭގައި ތިބެން ޖެހިފައެވެ. ނަމަވެސް މި ދުވަސްވަރު އިންޓަނެޓާ މުވާސަލަތީ އެކި ހިދުމަތްތަކުގެ އަގަށް ލުޔެއް ނުދޭތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އެދިވަޑައިގެންފައެވެ. މީ ގިނަ ބައެއްގެ ކަންބޮޑުވުމަސް ވީއިރު ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަށް އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މަސައްކަތް ނުކުރާ ކަން މީކާއީލް ވަނީ ފާހަގަކުރައްވާފައެވެ.
އިންޓަނެޓް އަގު ހެޔޮ ކޮށްދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދެކެވެ. ނަމަވެސް ރައީސް ވެރިކަމަށް ވަޑައިގެންނެވިތާ އެއް އަހަރާއި 4 މަސްވެފައިވާ އިރު އަދިވެސް އިންޓަނެޓް އަގު ހެޔޮކޮށް ނުދެއްވާތީ ގިނަ ބަޔަކު ދަނީ މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލަށް ކިޔަމުންނެވެ.